30 ނޮވެމްބަރ 2019 - 07:54
އެކްޓްކުރުމުން ރިޓަޔާކުރަން ވެއްޖެ ކަމަށް ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އެއް ތަރި ކަމަށްވާ އަމީތާބް ބައްޗަން ބުނެފި އެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ މި އަހަރު 50 އަހަރު ވެފައިވާ 77 އަހަރުގެ އެކްޓަރު އޭނާގެ އަމިއްލަ ބްލޮގްގައި ބުނި ގޮތުގައި ފިލްމީ ކެރިއަރު ނިންމައިލަން ވެއްޖެ ކަމަށް ގަބޫލު ކުރެވުނަސް ހިތާއި ސިކުނޑި މިކަމުގައި އެއްގަލަކަށް ނާރަ އެވެ.
އެކަމަކު ކޮންމެވެސް ހިސާބަކުން ރިޓަޔާވާން ސީރިއަސްކޮށް ވިސްނަން ޖެހޭ ހާލަތަކަށް ވެސް ދާނެ ކަމަށް ބުންޏެވެ. މި ފަހަކަށް އައިސް އަމީތާބްގެ ސިއްހީ ހާލަތު ވެސް އެހާ ރަނގަޅެއް ނޫނެވެ. އެހެންވެ މަސައްކަތްތަކާ ދުރުވެ، އަރާމުކުރަން ޑޮކްޓަރު ވެސް ލަފާ ދީފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަމީތާބް އަންނަ މަހުގެ ތެރޭގައި މަސައްކަތްތަކުން ބޮޑު ބްރޭކެއް ނަގާނެ އެވެ. އޭނާ ހޯސްޓްކުރަމުން އަންނަ ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީގެ 11 ވަނަ ސީޒަން ވެސް ހުކުރު ދުވަހުގެ ރޭ ވަނީ ނިންމާލައިފަ އެވެ.
އަމީތާބް މި ވަގުތު ހުރީ ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމު "ބުރައްމަސްތުރާ" ގެ ޝޫޓިން އަށް މަނާލީގަ އެވެ.
މި އަހަރު ރިލީޒްކުރި "ބަދުލާ" ގެ ބަތަލުގެ އަންނަ އަހަރު ރިލީޒްކުރާ މި ފެންޓަސީ/އެޑްވެންޗަ ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ ފިލްމެކެވެ. މީގެ އިތުރުން އަމީތާބްގެ "ޖުންދު" ވެސް ސިނާމަތަކަށް ގެނައުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ހުއްޓުމެއް ނެތި ބޮލީވުޑްގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ދުވަސްވީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަމީތާބްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗެހެރޭ" އާއި "ގުލާބޯ ސިތާބޯ" ހިމެނެ އެވެ.
ފިލްމު ކުޅެގެން މިހާތަނަށް ހާސިލުނުވާ ކާމީޔާބީއެއް ނެތް އަމީތާބް ފިލްމީ ކެރިއަރު ފެށީ 1969 ގެ "ސާތު ހިންދުސްތާނީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ހިންދީ ސިނަމާގެ އައިކޮނިކް އެތައް ފިލްމެއް ކުޅެފަ އެވެ.
އަމީތާބް ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 50 އަހަރުވުމާ ގުޅިގެން ދަރިފުޅު އަދި އެކްޓަރު އަބީޝެކް ބައްޗަން ވެސް ދާދި ފަހުން އެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް ބުނީ، އަދިވެސް ދެކެން ބޭނުން ވަނީ ކުރިއަށް 50 އަހަރުގައި ވެސް ބައްޕަ ދެގޮތެއް ނުވެ މަސައްކަތްކުރާ ތަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލޫ
30 November 2019
ޢަމީތާބު އަސްލު ތަރިއަކަށް ވެ މަޝްހޫރު ވީ 1973 ގަ ނުކުތް ޒަންޖީރު ކިޔާ ފިލްމަކުން... ތި ގޮތަށް ބަލަންޏާ އާމިރު ޚާން ގެ ވެސް ފުރަތަމަ ފިލްމަކީ 1984 ގަ އޭނަ ކުޅުނު ހޯލީ.. އެކަމަކު އޭނަ މަޝްހޫރު ވީ 1988 ގަ ނުކުތް ޤަޔާމަތު ސޭ ޤަޔާމަތު ތަކު އިން... އަނިލް ކަޕޫރު ވެސް 1987 ގަ ނުކުތް ހަމާރޭ ތުމާރޭ ގަ އުލޭ އަދި 1980 ގަ ނުކުތް އޭކު ބާރު ކަހޯ ގަ ޝަބާނާ އަޒުމީ އާ އެކު ކުޑަ ރޯލް އަކުން ފެނުނު އެކަމް މަޝްހޫރު ވީ 1983 ގަ ނުކުތް ވޯ ސާތު ދިން އިން..
ރަބަރު
30 November 2019
ކޮންމެކަމަކަށްވެސް ނިމުމެއް އަންނާނެ. އެހެންވީމާ އަމީތާބުގެ ތަރިވެސް އޮއްސޭނެ. އަހަންނަށް ހިންދީ ސިނަމާއިން ފެނުނު އެންމެ މޮޅުތަރިއަކީ އަމީތާބް. 1974 ގައި ފުރަތަމަ އަމީތާބް ގެ ދޯ އަންޖާނޭ ބެލީ ދެން ޒަންޖީރު ދީވާރު ދެން ހުއްޓުމެއްނެތި ފިލްމުތައް ބެލީ.
ނެޑް
30 November 2019
ނޫނޭ އަދި ޖެހޭނެ 18 އަހަރުގެ ކުދިންނާއި އެކު ދެތިން ފިލްމް ކުޅެލަން.