06 ޑިސެމްބަރ 2019 - 08:26
އަންނަ އަހަރު ބޮލީވުޑުން ފެންނާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ކައިވެނިތަކުގެ ތެރޭގައި ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި ވަރުން ދަވަން އާއި ނަތާޝާ ދަލާލުގެ ކައިވެނި ވެގެން ދާނެ އެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން ރަންބީރާއި އާލިއާ ކައިވެނިކުރާނީ އަންނަ އަހަރުފެ ފިނިމޫސުމުގަ އެވެ. މާނަ އަކީ އަހަރުގެ ފަހުކޮޅު އެވެ. އަދި އެ ކައިވެނީގެ ހަފުލާ ބާއްވާނީ އިންޑިއާއިން ބޭރުގަ އެވެ. ސަބަބަކީ ޕަޕަރާޒީންގެ ތުރާތަކުން ސަލަމާތްވުމެވެ.
އެ ދެ މީހުންގެ ކައިވެންޏާ ބެހޭ އެންމެ ފަހުގެ ވާހަކަތަކަށް ބަލާ އިރު، އަންނަ އަހަރު ކައިވެނިކުރާތީ ދުރާލައި، އާލިއާ ރަންބީރު ފިލްމީ މަސައްކަތްތަކާ ދުރުވާނެ އެވެ. އެގޮތުން މަހެއްހާ ދުވަސް ކައިވެނީގެ ތައްޔާރީތަކަށް ނަގަން ބޭނުންވާތީ ދެ ތަރިން ސޮއިކޮށްފައި ހުރި ފިލްމުތަކަށް ކުރިއާލައި ވަގުތު ދީ، މަސައްކަތްތައް ލުއިކުރާނެ އެވެ.
އާލިއާ އާއި ރަންބީރު މިހާރު އަންނަކީ އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ގެ މަންޒަރުތަކެއް މަނާލީ ނަގަމުންނެވެ. އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައިނުވާ އިރު، އަންނަ އަހަރު ފިލްމު ގެނެސްދޭނެކަމުގެ އުންމީދު ބޮޑެވެ. ފަހަރުގައި ދެ ތަރިންގެ ކައިވެންޏާ ގާތްކޮށްފައި، ފިލްމު ރިލީޒްކޮށްފާނެ އެވެ. ސަބަބަކީ ދެ ތަރިންގެ ކައިވެނީގެ ވާހަކަތަކާ އެކު، ފިލްމު ވެސް ޕްރޮމޯޓްވެގެން ދާނެތީ އެވެ.
ދެ ތަރިންގެ ނަން އެއްކޮށްލައިގެން "ރާލިއާ" ގެ ނަމުން ފޭނުން ވެސް ލޯބި ޖޯޑެއްގެ ގޮތުގައި ސިފަކުރާ ދެ ތަރިންގެ ކައިވެންޏަށް ފޭނުން ވެސް އަންނަނީ ލައްކަ އިންތިޒާރީއެއް ކުރަމުންނެވެ. އޭގެ އެއް ހެއްކަކީ ދާދި ފަހުން ދެ ތަރިންގެ ކައިވެނި ހަފުލާގެ ދައުވަތު ކާޑު ކަމަށް ބުނެ ހަދާފައިވާ ކާޑެއް ވެސް ސޯޝަލް މީޑިއާތަކުގައި ވަރަށް ބޮޑަށް ވައިރަލްވެގެން ދިއުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy