11 ޑިސެމްބަރ 2019 - 07:37
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ގެނެސްދޭ އެންމެ ތަފާތު އެއް ފިލްމަށް ވާނެ "ބުރައްމަސްތުރާ" އަދިވެސް ސިނަމާތަކަށް ގެންނާނެ ތާރީހެއް ކަށަވަރުނުވާ ކަމަށާއި އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރާނެ ކަމަށް މިހާރު ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ އަދި ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާލިއާ ބަޓާއި ރަންބީރު ކަޕޫރްގެ ކައިވެނި ވެސް އަންނަ އަހަރު ފަހުކޮޅަށް ތާވަލުކޮށްފައިވާތީ އެ ހަފުލާއާ ކައިރިކޮށްފައި "ބުރައްމަސްތުރާ" ގެނެސްދޭން ދަރުމާ އިން މިހާރު އަންނަނީ އާ ތާރީހަކަށް ބަލަމުންނެވެ.
މި ފިލްމަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 އަށް ތާވަލުކޮށްފައި ފަހުން މި އަހަރުގެ ފަހުކޮޅަށް ވެސް ތާވަލުކުރި ފިލްމެވެ. އެކަމަކު ވީއެފްއެކްސް އަށް ވަރަށް ގިނަ ވަގުތު އަދިވެސް ނަގާނެތީ އާއި ޝޫޓިން އެއްކޮށް ނިންމާލެވިފައިނުލެވޭތީ އަންނަ އަހަރަށް ފިލްމު ފަސްކުރީ އެވެ. އެގޮތުން "ބުރައްމަސްތުރާ" އަންނަ އަހަރުގެ ޖޫން ހިސާބުގައި ރިލީޒްކުރަން ކުރިން ޕްލޭންކުރި ނަމަވެސް، އޭގެ ބަދަލުގައި ފިލްމު ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު ބޮޑީ އަންނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އަހަރުގެ ފަހުކޮޅު ކަމަށް ހަންގާމާ އިން ބުންޏެވެ.
އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓްކުރާ މި ފެންޓަސީ/އެޑްވެންޗަ ފިލްމުގެ މަންޒަރުތަކެއް މިހާރު ވެސް މަނާލީގައި ނަގަމުން އަންނަ އިރު، ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި އެއްކޮށް ނިންމައިލާނެ އެވެ.
ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭ "ބުރައްމަސްތުރާ" ގެ ފުރަތަމަ ބައިގެ ކާސްޓުންގެ ތެރޭގައި އާލިއާ އާއި ރަންބީރާ އެކު، އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ސައުތުގެ މަޝްހޫރު އެކްޓަރު އަކިކޭނީ ނާގުރްޖުނާ، މޯނީ ރޯއި، ޕްރަތީކް ބައްބަރް އަދި ދިވްޔަންޑޫ ޝަރުމާ ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ.
ކަރަން ބުނެފައިވާ ގޮތުގައި ތިން ބަޔަކަށް ގެނެސްދޭ "ބުރައްމަސްތުރާ" ގެ މުޅި ވާހަކަ ކިޔައިދީ ނިންމައިލާނީ އަށް އަހަރުގެ ތެރޭގަ އެވެ. މި ފިލްމަކީ 2013 ގެ "ޔެ ޖަވާނީ ހޭ ދިވާނީ" އަށް ފަހު، ކަރަންގެ ދަރުމާ އަށް އަޔާން ހަދައިދޭ ފުރަތަމަ ފިލްމެވެ.
ޖޯޖިއާގައި ވެސް ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ "ބުރައްމަސްތުރާ" ގެ ބަޖެޓަކީ 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy