އަނަންޔާ އަދި ސައިފް.
16 ޑިސެމްބަރ 2019 - 07:35
ރާހުލް ދޮލާކިއާ ޑައިރެކްޓްކުރާ ފިލްމަކަށް ސައިފް އަލީ ޚާނާއި އަނަންޔާ ޕާންޑޭ ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މީގެ ތިން އަހަރު ކުރިން ޝާހްރުކް ޚާންގެ ފިލްމު "ރައީސް" ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމަކީ ބައްޕައަކާއި ދަރިއެއްގެ ވާހަކަ ކިޔައިދޭ ތުރިލާއެކެވެ. އަދި ނަން އިއުލާންނުކުރާ ފިލްމުގައި ސައިފް، 49، ފެންނާނީ އަނަންޔާ، 21، ގެ ބައްޕަގެ ރޯލުން ކަމަށް ބުންޏެވެ.
އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ އަކީ މި އަހަރު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނާގެ ދެވަނަ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ.
ހަންގާމާ އިން ބުނިގޮތުގައި ސައިފާއި އަނަންޔާ ދެބަފައިންގެ ގޮތުގައި ފެންނަ ފިލްމު ޕްރޮޑިއުސްކުރަނީ ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުންނެވެ. ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
އަންނަ އަހަރު ރިލީޒްކުރާ "ޖަވާނި ޖާނެމަން" އަކީ ވެސް ސައިފް ބައްޕައެއްގެ ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. ނިތިން ކައްކަރް ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގައި ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަގެ ދަރިއެއްގެ ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުކުރާ އަލައިއާ ފަރުނީޗަރުވާލާ، 22، އެވެ. އޭނާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅެވެ.
ބައްޕައަކާއި ޒުވާން އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ "ޖަވާނި ޖާނެމަން" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 7 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy