ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ފިލްމު އިއުލާންކޮށްފި އެވެ.


ކަރަން ކުރި ޓްވީޓެއްގައި ބުނީ ނަން އަދި އިއުލާންނުކުރާ ފިލްމުގެ ތަރިންނަކީ މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް ދީޕިކާ ޕަދްކޯނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން އަނަންޔާ ޕާންޑޭ ކަމަށެވެ. މި ރިލޭޝަންޝިޕް ޑްރާމާ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ފެބްރުއަރީ 12، 2021 ގަ އެވެ.

ޝަކުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2016 ގެ "ކަޕޫރް އެންޑް ސަންސް" އެވެ. އެ ފިލްމުގެ ލީޑް ރޯލް ކުޅުނީ ސިދާތު މަލްހޯތުރާ އާއި އާލިއާ ބަޓާއި ޕާކިސްތާނުގެ ބަތަލު ފަވާދު ޚާންގެ އިތުރުން ރިޝީ ކަޕޫރެވެ.

ޝަކުން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ކަރީނާ ކަޕޫރާއި އިމްރާން ޚާން 2012 ގައި ކުޅުނު "އޭކް މޭ އޯރް އޭކް ތޫ" ހިމެނެ އެވެ.

"ޗަޕާކް" ގެ ލަަވައެއް ދައްކާލައިފި

އަންނަ މަހުގެ 10 ގައި ރިލީޒްކުރާ ދީޕިކާ ޕަދްކޯންގެ އާ ފިލްމު "ޗަޕާކް" ގެ ލަވައެއް ދައްކާލައިފި އެވެ.

ދީޕިކާ އާއި ބަތަލު ވިކްރަންތު މަސޭ އެކީގައި ފެނިގެންދާ "ނޮކް ޖޯކް" ގެ ނަން ދީފައިވާ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޝަންކަރު-އެހްސާން-ލޯއި އެވެ. މެގްނާގެ ބައްޕަ އަދި މަޝްހޫރު ޅެންވެރިޔާ ގުލްޒާރުގެ ޅެންވެރިކަމަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ޝަންކަރުގެ ދަރިފުޅު ސިދާތު މަހާދޭވަން އެވެ.

"ޗަޕާކް" އަކީ ދީޕިކާ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވެ، އިންސާފު ހޯދަން ކުރާ މަސައްކަތްތައް ދައްކުވައިދޭ ވަރަށް އަސަރު ގަދަ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ މެގްނާ ގުލްޒާރެވެ.

"ބާގީ 3" ގައި ޑިޝާގެ ލަވައެއް

މިދިޔަ އަހަރު ރިލީޒްކުރި ޓައިގާ ޝްރޮފްގެ ފިލްމު "ބާގީ 2" ގެ ބަތަލާ ޑިޝާ ޕަޓްނީ އެ ސީރީޒްގެ ތިން ވަނަ ބައިގެ އައިޓަމް ލަވައަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ގިނަ އަދަދެއްގެ ބެކް ޑާންސަރުންނާ އެކު ޑިޝާ ފެނިގެންދާ ލަވައިގެ ޝޫޓިން ހުކުރު ދުވަހު ކުރިއަށް ގެންދާނެ އެވެ. އަދި އެއީ ވަރަށް ފޯރިގަދަ ލަވައަކަށްވެގެން ދާނެ އެވެ.

ހަންގާމާ އިން ބުނިގޮތުގައި ޑިޝާ ފެނިގެންދާ ލަވައިގެ ކޮރިއޯ ހަދާނީ "ބާގީ 3" ގެ ޑައިރެކްޓަރު އަހުމަދު ޚާންގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އާދިލް ޝެއިހެވެ. ފިލްމުގައި ޑިޝާގެ ލަވައެއް ހިމަނަން ނިންމި އިރު، "ބާގީ 2" ގައި ޑިޝާ ކުޅުނު ކެރެކްޓާ ވަނީ މަރުވެފަ އެވެ. އަދި ތިން ވަނަ ބައިގައި ޓައިގާއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ފުރަތަމަ ބައިގެ ބަތަލާ ޝްރަދާ ކަޕޫރެވެ.

"ބާގީ 2" ގައި ވެސް ފޯރި ގަދަ އައިޓަމް ލަވައެއް ހިމަނާފައިވެ އެވެ. އެއީ ޖެކްލިން ފެނަންޑޭޒް ފެނިގެން ދިޔަ "އޭކް ދޯ ތީން" އެވެ.

ދާދި ފަހުން ސާބިއާގައި ގިނަ މަންޒަރުތަކެއް ޝޫޓްކޮށްފައިވާ "ބާގީ 3" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ.

އަޕަރްޝަކްތީ އަށް ލީޑް ރޯލެއް

މިހާތަނަށް ކުޅުނު ހުރިހާ ފިލްމެއްގައި ވެސް ސަޕޯޓިން ރޯލްތަކެއް ކުޅުނު އެކަމަކު ކުޅުނު ހުރިހާ ރޯލްތަކަކުން ވެސް ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެކްޓަރު އަޔޫޝްމަން ކްރާނާގެ ކޮއްކޮ އަޕަރްޝަކްތީ ކްރާނާ މުޅިން އަލަށް ފިލްމެއްގެ ލީޑް ރޯލަކަށް ސޮއިކޮށްފި އެވެ.

"ޑަންގަލް" އާއި "އިސްތިރީ" އާއި "ލުކާ ޗުއްޕީ" އާއި "ޕަތީ ޕަތުނީ އޯރް ވޯ" ގައި ސަޕޯޓިން ރޯލްތަކެއް ކުޅުނު އެކްޓަރަށް ލީޑް ރޯލެއް ދިނީ ކުރީގެ އެކްޓަރު ޑީނޯ މޯރިއާ ޕްރޮޑިއުސްކުރާ ފިލްމަކުންނެވެ. އަދި އެ ފިލްމުގައި އަޕަރްޝަކްތީއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ މި އަހަރު ކުރީކޮޅު ސަލްމާން ޕްރޮޑިއުސްކޮށް ގެނެސްދިން "ނޯޓްބުކް" އިން ތައާރަފުކުރި ބަތަލާ ޕްރަނޫޓާން ބާލް އެވެ. އޭނާ އަކީ އެކްޓަރު މޯނިޝް ބާލްގެ ދަރިފުޅެވެ.

މީގެ ކާސްޓުންގެ ތެރޭގައި އަބީޝެކް ބެނަޖީ އާއި އަޝިޝް ވަރުމާ ވެސް ހިމެނެ އެވެ.

ޑީނޯ ޕްރޮޑިއުސްކުރާ ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.

އަޕަރްޝަކްތީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރްގެ "ސްޓްރީޓް ޑާންސާ" އެވެ.