26 ޑިސެމްބަރ 2019 - 07:07
މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ކޮޕް އެކްޝަން ކޮމެޑީ "ޑިޝޫމް" ގެ ދެވަނަ ބައި ހަދަން ނިންމައި، ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށަން ކަނޑައަޅައިފި އެވެ.
މިއީ، އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރި ދެވަނަ ފިލްމެވެ. "ޑިޝޫމް" ގެ މުހިއްމު ރޯލްތައް ކުޅުނީ ވަރުން އާއި ރޯހިތުގެ އަލަތު ފިލްމު 2011 ގެ "ދޭސީ ބޯއިސް" ގެ ވެސް މުހިއްމު ރޯލެއް ކުޅުނު ޖޯން އަބްރަހަމްގެ އިތުރުން ޖެކްލިން ފެނަންޑޭޒެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ، "ޑިޝޫމް 2" ގެ ސްކްރިޕްޓްގެ ފުރަތަމަ ޑްރާފްޓް ނިންމައި، ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާއާ ރޯހިތު ހިއްސާ ކުރުމުން އޭނާ ވަނީ ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަން އަންގައިފަައި ކަމަށެވެ. އެހެންވެ، ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، "ޑިޝޫމް 2" ގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅެވެ.
ރޯހިތާއި ވަރުން.
އެގޮތަށް ނިންމި އެއް ސަބަބަކީ ވަރުން އަށް ވެސް ފަސޭހަ ވަގުތަކާ ދިމާކުރުން ކަމަށް މީޑިއާ އިން ބުންޏެވެ. އޭނާ މި ވަގުތު ބައްޕަ ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު 1" ގެ މަސައްކަތް ކުރަމުން އަންނަ އިރު، ދެން އެެންމެ އަވަަހަށް ޝޫޓިން ފަށާނީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޝިޝާންކް ކައިތާން ޑައިިރެކްޓްކުރާ "މިސްޓަ ލޭލޭ" ގެ ކަމަށް މީޑިއާ އިން ބުނެ އެވެ. މި ފިލްމުގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ބޫމީ ޕެޑްނޭކަރު ކަމަށް ވެ އެވެ.
ވަރުން ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ "އެއްކީސް" ވެސް ހިމެނެ އެވެ.
"ޑިޝޫމް" އަކީ މެދު އިރުމަތީގައި އޮންނަ ކްރިކެޓް މުބާރާތެއްގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުޅެން ހަމަޖެހިފައި އޮތް ފައިނަލް މެޗަށް 48 ގަޑިއިރަށް ވެފައިވަނިކޮށް އިންޑިއާ ޓީމްގެ ކުޅުންތެރިއަކު ކިޑްނެޕް ކުރުމުން އޭނާ ސަލާމަތް ކުރަން ހިންގާ އޮޕަރޭޝަނެއްގެ ތެރޭގައި ދިމާވާ ކަންތައްތަކެއް ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ރިލީޒް ކުރީ 2016 ގަ އެވެ.
ފިލްމުގައި ވަރުން އާއި ޖޯން ކުޅެފައި ވަނީ ފުލުހުންގެ ރޯލެވެ.
ޖުމްލަ 45 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ ގެ ބަޖެޓަކުން ހެދި "ޑިޝޫމް" އަކީ ބޮކްސް އޮފީހުގައި (17 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
މި ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތަށް ރޯހިތު ތައްޔާރުވާން ފަށާފައި މި ވަނީ ރިތިކް ރޯޝަނާ އެކު އޭނާ ފިލްމެއް ގެނެސްދޭން އުޅޭ ކަމަށް މިދިޔަ އަހަރު އަޑުއަރާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy