ކެޓްރީނާ.
02 ޖެނުއަރީ 2020 - 07:42
އަންނަ މާޗް މަހު ރިލީޒް ކުރާ އަކްޝޭ ކުމާރުގެ ކޮޕް ޑްރާމާ "ސޫރިޔާވަންޝީ" ގައި ބަތަލާ ކެޓްރީނާ ކެއިފް ފެންނާނީ ޑޮކްޓަރެއްގެ ރޯލުން ކަމަށް ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.
ބަތަލާ ނޭހާ ދޫޕިއާގެ ޗެޓް ޝޯ "ނޯ ފިލްޓާ ނޭހޭ" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ދިން އިންޓަވިއުއެއްގައި ރޯހިތު ބުނީ "ސޫރިޔާވަންޝީ" އަކީ އޭނާގެ އެހެން ފިލްމުތަކާ އެއްގޮތަށް ބެލުންތެރިން ބޭނުންވާ ހުރިހާ ރަހަތަކެއް އެކުލެވޭނެ ފިލްމެއް ކަމަށެވެ.
އެގޮތުން، ފިލްމުގެ ބަތަލާ ކެޓްރީނާ ޑޮކްޓަރެއްގެ ރޯލުން ފެނިގެން ދިއުމަކީ ވެސް ބެލުންތެރިންނަށް ތަފާތަކަށް ވާނެ ކަމަށް ބުންޏެވެ. އެ ރޯލާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމަނުކޮށް، ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމޭ ރޯހިތު ބުނީ ކެޓްރީނާގެ ކެރެކްޓާ އަކީ އޭނާއާ ވަރަށް ގުޅޭ ރޯލެއް ކަމަށެވެ. އެއީ ފިލްމުގެ ވަރަށް މުހިއްމުގެ ވާހަކައިގެ ވަރަށް ބޮޑު ހިއްސާއެއް ކަމަށް އޭނާ ބުނެ އެވެ.
މިއީ، ރޯހިތުގެ ފިލްމެއްގައި ކެޓްރީނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި، އެއީ އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެ، ބެލުންތެރިންގެ މެދުގައި މަގުބޫލު ޖޯޑަކަށް ވެފައިވާ އަކްޝޭ އާއި ކެޓްރީނާގެ ކެމިސްޓްރީ އަހަރުތަކެއް ފަހުން ސްކްރީނުން ފެންނާނެ ފިލްމެކެވެ. "ސިންގް އިޒް ކިންގް" އާއި "ވެލްކަމް" އަދި "ނަމަސްތޭ ލަންޑަން" ފަދަ ފިލްމުތައް ކުޅުނު ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ފަރާ ޚާން 2010 ގައި ގެނެސްދިން "ތީސްމާރް ޚާން" އިންނެވެ.
ރޯހިތު ބުނިގޮތުގައި، "ސޫރިޔާވަންޝީ" އަކީ އެ ދެ ތަރިންގެ ކެމިސްޓްރީގެ ޖާދޫ އަލުން ދައްކައިދޭނެ ފިލްމެއް ކަމާ މެދު ޝައްކެއް ނެތެވެ. މިހާރު ގާތްގަނޑަކަށް ޝޫޓިން ނިމުމަކަށް އައިސްފައިވާ މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ ބޮލީވުޑްގެ އައިކޮނިކް ވާރޭތެރޭގެ ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ވާޝަނެއް ފިލްމުގައި ހިމަނައި، އެ ލަވައިން އަކްޝޭ އާއި ކެޓްރީނާ ފެނިގެން ދިއުމެވެ.
އެއީ، އަކްޝޭ އާއި ރަވީނާ ޓަންޑަން 1994 ގައި ކުޅުނު ފިލްމު "މޮހޮރާ" ގެ ލަވަ އެކެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ސޫރިޔާވަންޝީ" ސިނަމާތަކަށް އަންނާނީ މާޗް 27 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy