01 ޖެނުއަރީ 2020 - 07:37
ދާދި ފަހުން ބަތަލާ ދީޕިކާ ޕަދްކޯން ސޮއިކުރި ފިލްމު "މަހާބާރަތު" އަށް ރިތިކް ރޯޝަން ސޮއި ކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ދީޕިކާ ދޮގުކޮށްފި އެވެ.
އަންނަ މަހުގެ 10 ގައި ރިލީޒް ކުރާ އޭނާގެ އާ ފިލްމު "ޗަޕާކް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި ނޫސްވެރިން ކުރި ސުވާލުތަކަކަށް ޖަވާބު ދެމުން، ހުނަރުވެރި ބަތަލާ ބުނީ "މަހާބާރަތު" މައިގަނޑު އެއް ކެރެކްޓާ، ލޯޑް ކްރިޝްނާގެ ރޯލަށް ރިތިކް ސޮއިކުރި ކަމަށް ބުނާ ވާހަކަތަކެއް އޭނާ އަށް ވެސް މީޑިއާ އިން ފެނިފައިވާ ކަމަށެވެ.
"އެކަމަކު އޭގައި ވެސް އެއްވެސް ހަގީގަތެއް ނެތް. އަހަރެންނަކަށް ނޭނގޭ އެއީ ކޮންތާކުން ތިލަވެގެން އުޅޭ ވާހަކަތަކެއް ކަމެއް،" އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ބުންޏެވެ.
އޭނާ ބުނިގޮތުގައި "މަހާބާރާތު" ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނާތީ ފިލްމުގެ ކާސްޓާ ދޭތެރޭ މި ވަގުތު ޓީމުން މާ ބޮޑަކަށް ނުވިސްނަ އެވެ.
"އަހަރެން ކުޅެން ހަމަޖެހިފައިވާ ދުރޯޕަޅީގެ ކެރެކްޓާ ވެސް އަދި އޮތީ ސްކްރިޕްޓިން މަރުހަލާގައި. އެހެންވީމާ ފިލްމުގެ ކާސްޓުންނަކާ ދޭތެރޭ މި ވަގުތަކު ނުވިސްނާ. ސްކްރިޕްޓް ނިމި، ފިލްމު ޑައިރެކްޓް ކުރާނެ މީހަކު ވެސް ފައިނަލް ވީމާ ކާސްޓުން އިއުލާން ކުރާނީ،" ދީޕިކާ ބުންޏެވެ.
"މަހާބާތަރު" އަކީ ޕްރޮޑިއުސަރު މަދޫ މަންޓޭނާއާ ގުޅިގެން ދީޕިކާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ބައިތަކަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.
ދީޕިކާ އާއި ރިތިކް މިހާތަނަށް އެކީގައި ފިލްމެއް ކުޅެފައި ނުވާތީ މި ދެ ތަރިން ސްކްރީނުން ދެކިލުމުގެ ޝައުގުވެރިކަން ފޭނުންގެ ތެރޭގައި ވަރަށް ބޮޑެވެ. އެހެންވެ، ދޭތެރެދޭތެރެ އިން ކޮންމެވެސް ފިލްމަކަށް ދެ މީހުން ސޮއި ކޮށްފައިވާ ކަމަށް އަޑުއަރަ އެވެ. އެގޮތުން ލަވް ރަންޖަން ޑައިރެކްޓް ކުރާނެ ކަމަށް ބެލެވޭ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކް ވެސް ދީޕިކާ އާއި ރިތިކަށް ހުށަހަޅާފައިވާ ކަމަށް ވެ އެވެ.
މީޑިއާގައި، ދާދި ފަހުން އެންމެ އަޑުގަދަވީ، ފަރާ ޚާން ދެން ހަދާ ފިލްމެއްގެ ލީޑް ވެސް މި ދެ ތަރިންނަށް ހުށަހެޅި ވާހަކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy