މަދޫ މަންޓޭނާ ޕްރޮޑިއުސްކުރާ ފިލްމު "މަހާބާރަތު" އަށް ދީޕިކާ ޕަދްކޯން ސޮއިކޮށްފި އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި އެކަން ކަށަވަރުކޮށް ދީފައިވެ އެވެ. އޭނާ ބުނިގޮތުގައި އިންޑިއާގެ ތާރީހުގެ ވަރަށް މުހިއްމު ވާހަކައެއް ކަމަށްވާ މަހާބާރަތުގައި ދީޕިކާ ކުޅޭނީ ވަރުގަދަ އަންހެން ޝަހުސިއްޔަތު ދުރޯޕަޅީގެ ރޯލެވެ.
ނަމަވެސް ފިލްމާ ބެހޭ އެއްވެސް މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ބައިތަކަކަށް ބަހާލައިގެން ހަދާ މި ބޮޑު ޕްރޮޖެކްޓް ޑައިރެކްޓްކުރަނީ ކާކުކަމާއި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައިކަމެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު މިއީ ވަރަށް ބޮޑު ކާސްޓެއް ފެންނާނެ ފިލްމަކަށްވާނެ އެވެ.
ތަރަން ބުނިގޮތުގައި "މަހާބާރަތު" ގެ ފުރަތަމަ ބައި އަންނަ އަހަރުގެ ދިވާލީގައި ރިލީޒްކުރާނެ އެވެ.
"ސުޕަ 30" އާއި "ގަޖިނީ" އަދި "އުޅުތާ ޕަންޖާބް" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު މަދޫ މަންޓޭނާ ޕްރޮޑިއުސްކުރާ "މަހާބާރަތު" އަށް ދީޕިކާ ސޮއިކުރި އިރު، އެ ވާހަކަ ސްކްރީނަށް ގެންނަން އާމިރު ޚާން ޕްލޭންކޮށްފައި އޮތް ޕްރޮޖެކްޓުން ދީޕިކާ އަށް ދުރޯޕަޅީގެ ކެރެކްޓާ ހުށަހެޅުމުން އޭނާ ގަބޫލުނުކުރި ކަމަށް ބުނާ ވާހަކަތަކެއް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ދެކެވިފައިވެ އެވެ.
އޭރު މީޑިއާތަކުން ބުނިގޮތުގައި ދީޕިކާ ފިލްމު ގަބޫލުނުކިރީ ތާރީހީ ހާދިސާތަކެއްގެ މައްޗަށް ހަދާ ފިލްމަކަށް ދެން އެހާ އަވަހަށް އެއްބަސްނުވާން ނިންމައިފާއި އޮތުމުންނެވެ. ސަބަބަކީ މިޔަ އަހަރު ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމު "ޕަދުމާވަތު" އާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާތީ އެވެ.
އެ ފިލްމު ޝޫޓްކުރަމުން ދިޔަ ދުވަސްވަރު އެކި ފަހަރުމަތި ސެޓަށް ބޮޑެތި ގެއްލުންތަކެއްދީ، ޑައިރެކްޓަރަކަށް ވެސް ބަޔަކު އަނިޔާކޮށްފައިވެ އެވެ. އަދި ފިލްމު ރިލީޒްކުރަން ގާތްވެފައި ވަނިކޮށް ދީޕިކާ އާއި "ޕަދުމާވަތު" ގެ ބަތަލު އަދި މިހާރު ފިރިމީހާ ރަންވީރު ސިންގްގެ ބޯ ކަނޑައިލާނެކަމުގެ އިންޒާރު ވެސް ހަރުކަށި ޖަމާއަތަކުން ދީފައިވެ އެވެ.
ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޖެނުއަރީ 10 ގައި ރިލީޒްކުރާ ބައޮގަރްފިކަލް ޑްރާމާ "ޗަޕާކް" އެވެ.
އަދި ޑައިރެކްޓަރު ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމަށާއި ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމަކަށް ވެސް ދީޕިކާ ސޮއިކޮށްފައިވާ ކަމަށްވެ އެވެ.