ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގް ދެވަނަ ދަރިފުޅަށް އިންތިޒާރު ކުރަމުން އަންނަ މި ދުވަސްވަރު ނަގާފައިވާ ހާއްސަ މެޓާނިޓީ ފޮޓޯޝޫޓެއްގެ ފޮޓޯތައް އިންސްޓަގްރާމްގައި އިއްޔެ އާންމުކޮށްފި އެވެ.

އެ ފޮޓޯތަކުގައި ދީޕިކާގެ "ބޭބީ ބަމްޕް" ފެންނައިރު، އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ދުއާ ޕަޑުކޯން ސިންގް ވެސް އެ ފޮޓޯތަކުގައި ފެނެ އެވެ.

އާންމުކުރި ފޮޓޯތަކުން ފެންނަނީ ރަންވީރު ދަރިފުޅު ދުއާ އުރައިގެން ހުންނައިރު، ދީޕިކާއާ އެކު ހެވިފައި ތިބޭ މަންޒަރެވެ. އަދި ބައެއް ފޮޓޯތަކުގައި ރަންވީރު ދީޕިކާގެ ބަނޑުގައި އަތްއަޅާލައިގެން ހުންނަ މަންޒަރު ވެސް ފެނެ އެވެ.

އެ ފޮޓޯތައް ހިއްސާކުރަމުން ރަންވީރު ލިޔެފައި ވަނީ، "ކުޑަކުޑަ ދުއާ އާއި އަހަރެމެންގެ ހިތްތައް މި އަންނަނީ ބޮޑުވަމުން! އެންމެންގެ ހެޔޮދުއާއަށް ޝުކުރިއްޔާ،" މިހެންނެވެ.

އެ ދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅު އެވެ. އެއީ ދަރިފުޅު ދުއާ، ޕްރެގްނަންސީ ޓެސްޓު ކިޓެއް ހިފަހައްޓައިގެން ހުންނަ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމަށް ފަހު އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދީޕިކާ އާއި ރަންވީރު ކައިވެނިކުރީ 2018 ވަނަ އަހަރު އިޓަލީގަ އެވެ. އަދި އެމީހުންގެ ފުރަތަމަ ދަރިފުޅު ދުއާ އުފަންވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދީޕިކާ އަންނަނީ ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގައި ރޯލެއް ކުޅެމުންނެވެ. މިއީ ޝާހުއާ އެކު އޭނާ މަސައްކަތްކުރާ ހަވަނަ ފިލްމެވެ. އެ ފިލްމުގެ އިތުރުން އަޓްލީ އުފައްދާ އަދި އައްލޫ އަރުޖުންއާ އެކު ކުޅޭ ފިލްމު "ރާކާ"ގައި ވެސް ދީޕިކާ އަންނަނީ މަސައްކަތް ކުރަމުންނެވެ. 

"ދުރަންދަރު"ގެ ބޮޑު ކާމިޔާބީއަށް ފަހު ރަންވީރު މިހާރު މަސައްކަތް ކުރަމުން އަންނަނީ "ޕްރާލޭ" ކިޔާ އެކްޝަން ފިލްމެއްގަ އެވެ.