ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގްއަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.
މިފަހަރު ވެސް އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ.
މި އުފާވެރި ޚަބަރު ދެމަފިރިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ އިއްޔެ ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި "ވެލްކަމް ބޭބީ ގާލް" ލިޔެފައިވާ ކާޑެއް ހިއްސާކުރަމުން ދީޕިކާ އާއި ރަންވީރު ވަނީ އެމީހުންގެ އާއިލާއަށް އިތުރުވި ދަރިފުޅަށް މަރުހަބާ ކިޔައިފަ އެވެ.
މި އުފާވެރި ޚަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންނާއި ސަޕޯޓަރުން އަންނަނީ ދެމަފިރިންނަށް ތަހުނިޔާ ފޮނުވަމުންނެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިޓަލީގަ އެވެ.
އެ ދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅު އެވެ. އެއީ ފުރަތަމަ ދަރިފުޅު ދުއާ، ޕްރެގްނަންސީ ޓެސްޓު ކިޓެއް ހިފަހައްޓައިގެން ހުންނަ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމަށް ފަހު އެވެ.
އެމީހުންގެ ފުރަތަމަ ދަރިފުޅު ދުއާ އުފަންވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދީޕިކާ އަންނަނީ ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގައި ރޯލެއް ކުޅެމުންނެވެ. މިއީ ޝާހުއާ އެކު އޭނާ މަސައްކަތްކުރާ ހަވަނަ ފިލްމެވެ. އެ ފިލްމުގެ އިތުރުން އަޓްލީ އުފައްދާ އަދި އައްލޫ އަރުޖުންއާ އެކު ކުޅޭ ފިލްމު "ރާކާ"ގައި ވެސް ދީޕިކާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
"ދުރަންދަރު"ގެ ބޮޑު ކާމިޔާބީއަށް ފަހު ރަންވީރު މިހާރު މަސައްކަތް ކުރަމުން އަންނަނީ "ޕްރާލޭ" ކިޔާ އެކްޝަން ފިލްމެއްގަ އެވެ.