ނަހުލާގެ "ސޮރީ" ގެ ލަވަތައް ނިންމާލައިފި

ފާތުމަތު ނަހުލާ ޕްރޮޑިއުސްކޮށް މި އަހަރު ގެނެސްދޭން އަމާޒު ހިފާފައިވާ ފީޗާ ފިލްމު "ސޮރީ" ގެ ހުރިހާ ލަތަތަކެއް ނިންމާލާފައިވާ ކަމަށާއި ފިލްމުގެ ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ ކަމަށް ބުނެފި އެވެ.


މީގެ ތިން އަހަރު ކުރިން ގެނެސްދިން "ބޮސް" އަށް ފަހު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ "ސޮރީ" އަކީ ހަތް ލަވަ ހިމެނޭ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މީގެ ލަވަތަކުގެ މިއުޒިކް ހަދާފައި ވަނީ ކުޑައިއްބެ އާއި ބާޗީ އެވެ.

ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ ނަހުލާގެ ފިލްމުތަކަށް އާންމުކޮށް ލަވަތައް ހަދައިދޭ މައުސޫމް ޝާކިރުގެ އިތުރުން ތޭރަވާ އާއި ކަނީރު ދޮންބެ އެވެ.

"ސޮރީ" ގެ ލަވަތަކުގެ ތެރެއިން ލަވައެއްގެ ރެކޯޑިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ވެސް ނަހުލާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ފިލްމުގެ ލަވަތަކުން ރާއްޖޭގެ މަޝްހޫރު އަޑުތައް އިވެ އެވެ.

"ލަވަތަައް ނިންމާލި ނަމަވެސް އަދިވެސް ސޮރީގެ ޝޫޓިން ފެށޭނެ އިރެއް ބުނަން ވަރަށް ދަތި. އަސްލު ކުރިން ރޭވި ގޮތަށް މީގެ މަސައްކަތް ކުރިއަށް ނުގެންދެވުނީ ވެބް ސީރީޒް ހުވާ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެން ޖެހުމުން،" ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ޕްރޮޑިއުސަރު ބުންޏެވެ.

"ސޮރީ" ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި ނުނިންމަ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަގެ އިތުރުން އާ އެކްޓަރެކެވެ.

"ފަހަރުގައި ކާސްޓް ބަދަލު ވެސް ވެދާނެ. އަދި ފިލްމު މި އަހަރުގެ ފަހުކޮޅު ގެނެސްދެވޭތޯ މި ބަލަނީ. ފަހަރުގައި އަނެއްކާ އިތުރު ޑިލޭއެއް އައުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެއް،" ނަހުލާ ބުންޏެވެ.