11 ޖެނުއަރީ 2020 - 08:16
ކެނެޑާގެ ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އާ ޑޮކިއުމަންޓަރީއެއް ޔޫޓިއުބުން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
"ޖަސްޓިން ބީބާ: ސީޒަންސް" ގެ ނަމުގައި 10 ބަޔަކަށް ގެނެސްދޭ ޑޮކިއުމަންޓަރީ އާންމުކުރަން ނިންމާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު މޮޑެލް ހެއިލީ ބޯލްޑްވިންއާ ކައިވެނިކުރި ލަވަކިޔުންތެރިޔާގެ މިއުޒިކީ ކެރިއަރާއި އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް މީގައި ހިމެނޭނެ އެވެ.
މި ޑޮކިއުމަންޓަރީގެ އުސްއަލިތަކުގެ ތެރޭގައި ލައިމް ޑިޒީޒްގެ ޝިކާރައަކަށްވެފައިވާ ވާހަކަ އާއި އެ ބަލިން އަރައިގަތުމަށް ކުރަމުން އަންނަ ކަންކަމުގެ ވާހަކަ ވެސް ބީބާ ހިއްސާކުރާނެ އެވެ.
ލައިމް ޑިޒީސް އަކީ ޓިކް ކިޔާ ލޭބޯ ކުޑަ ސޫއްޕެއް ހެފުމުން ޖެހޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި ބޮލުގައި ރިއްސުމާއި ގައިގެ ހަންގަނޑު ހަލާކުވުން ފަދަ މައްސަލަތައް ހިމެނެ އެވެ.
"ޖަސްޓިން ބީބާ: ސީޒަންސް" ނެރެން ގާތްވަމުން އަންނަ އިރު، މަގުބޫލު އެތައް ލަވައެއް މިހާތަނަށް ގެނެސްދީފައިވާ ބީބާ، 25، ވަނީ އާ އަހަރާ ދިމާކޮށް މި މަހުގެ 3 ވަނަ ދުވަހު "ޔަމީ" ކިޔާ އާ ސިންގަލްއެއް ވެސް ވީޑިއޯއާ އެކު ގެނެސްދީފަ އެވެ.
އޭނާ މިހާރު އަންނަނީ ފަސް ވަނަ އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. ބީބާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2015 ގެ "ޕާޕަސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy