މުނިފޫހިފިލުވުން / ބިގް ބޮސް

ބިގް ބޮސް 13: ލޯބީގެ ކޯޅުންތައް ބޮޑު

ކަލާޒުން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ކޮންމެ ސީޒަނެއްގެ ބައިވެރިންގެ ތެރޭގައި ލޯބީގެ ކަންތައްގަނޑު ބޮޑެވެ. ބިގް ބޮސްގެ ގެއިން ބައްދަލުވެ، ލޯބީގެ ގޮތުން ސީރިއަސްކޮށް ގުޅި، އެ ގުޅުން ދެމެހެއްޓި މީހުންނާއި ވަކިވެގެން ދިޔަ ބައިވެރިންތަކެއް ވެސް މިހާތަނަށް ފެނިއްޖެ އެވެ.

މިހާރު ކުރިއަށްދާ "ބިގް ބޮސް" 13 ވަނަ ސީޒަނަކީ ވެސް ލޯބީގެ މާފޮޅުވުންތަކާއި އަރައިތުންތަކާއި ނަރުފަތާއި ހަސަދަވެރިކަން ވެސް މިހާރު އިންތިހާ އަށް ފެންނަމުންދާ ސީޒަނެކެވެ. މި ފަހަރުގެ ޝޯގެ ތެރޭގައި ލޯބީގެ މައްސަލަގަނޑު އެންމެ ފުރަތަމަ ހޫނުވީ ރަޝްމީ ދެސާއީ އާއި އޭނާގެ ލޯބިވެރިޔާ އަރުހާން ޚާނާ ދެމެދުގަ އެވެ. މައްސަލައަކަށްވީ ކުރިން ކައިވެންޏެއްކޮށް، ދަރިއަކު ހުރިކަން އަރްހާން ސިއްރުކޮށްގެން އުޅުމެވެ.

އެ މައްސަލަ ޝޯގެ ހޯސްޓް ސަލްމާން ޚާން ފަޅާއަރައިވުމަށް ފަހު، އަރުހާނާއި ރަޝްމީގެ ގުޅުން ފިނި ވެސްކޮށް ދިނެވެ. އަރްހާން މީގެ މަހެއްހާ ދުވަސްކުރިން ޝޯއިން ކަޓައިގެން ގޮސްފައިވާތީ ރަޝްމީ އާއި އޭނާގެ ލޯބީގެ ކަންތައްގަނޑު މިހާރު ޝޯއަކުން ނުފެނެ އެވެ.

އެކަމަކު މިހާރު ބިގް ބޮސްގެ ގޭގައި ތިން ޖޯޑެއްގެ މައްސަލަތައް ވަރަށް ހޫނެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ޖޯކަކަށް ވަނީ މިދިޔަ އަހަރު ސްޓާ ޕްލަސްގެ "ނަޗް ބަލިޔޭ 9" ގައި ވާދަކުރި ދެ ތަރިން ކަމަށްވާ މަދުރިމާ ތުލީ އާއި ވިޝާލް އަދިތިޔާ ސިންގްގެ ގުޅުމެވެ. ވައިލްޑް ކާޑްގެ ދަށުން ބިގް ބޮސް އިން ފުރުސަތު ލިބުނު ދެ މީހުންގެ ގުޅުމަކީ އަޖައިބެއް ކަހަލަ ކުޅުމެކެވެ. ދޭތެރެއަކުން އެކަކު އަނެކަކާ ގަދައަށް ޒުވާބުކޮށް، އައުގުރާނަ ގޮވައި ގަޔަށްބޮލަށް ވެސް އަރަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ހިނގި ޒުވާބުގަނޑެއްގެ ތެރޭގައި މަދުރިމާ ވަނީ ރުޅި ކޮންޓްރޯލުން ނައްޓައި، އަރައިގެން އިން ފައިވާން އަތަށް ނަގައިގެން އެއިން ވިޝާލްގެ ގައިގައި ތަޅައިފަ އެވެ.

މިއީ މި ދެ މީހުންގެ ފަރާތުން މިފަހަކަށް އައިސް އާންމުވެފައިވާ ކަމެކެވެ.

މަދުރިމާ އާއި ވިޝާލްގެ އިތުރުން މިހާރު ބިގް ބޮސްގައި އެންމެ މައްސަލަ ބޮޑު ގުޅުމަކީ ޝޯ ބަލާ ފޭނުންގެ މެދުގައި މަގުބޫލު ޖޯޑަކަށްވެ ސޯޝަލް މީޑިއާގައި ވެސް "ސިޑްނާޒް" ގެ ނަމުން މަޝްހޫރުކޮށްލާފައިވާ ސިދާތު ޝުކްލާ އާއި ޝެހްނާޒް ގިލް (ސަނާ) އެވެ.

މި ދެ މީހުންގެ ގުޅުން ފެށިގެން އައި ގޮތަށް ބަލާއިރު، ޝޯގެ ފުރަތަމަކޮޅު ސަނާ އާއި ޕާރަސް ޗާބްޅާއާ ދެމެދު ލޯބީގެ މާތައް ފޮޅުނެވެ. ނަމަވެސް ދެ މީހުންގެ ދޭތެރޭގައި ވަރަށް އަވަހަށް ކުނިޖެހި، އަމިއްލަ އަށް "ސަންސްކާރީ ޕްލޭބޯއި" އެއްގެ ލަގަބު އަޅުވައިގެން އުޅޭ ޕާރަސް ވަނީ، ސަނާއާ އެންމެ ބޮޑު ވާދަވެރިކަމެއް ފެށުނީއްސުރެ އޮންނަ މާހިރާ ޝަރުމާއާ ދިމާއަށް ދީލާލައިފަ އެވެ.

މިހާރު ޕާރަސް އާއި މާހިރާގެ ގުޅުމަކީ ބިގް ބޮސްގެ ތެރެއިން ފެންނަ އެންމެ ބަދަހި، އެކަމަކު ދޭތެރެ ދޭތެރެ އިން ކުނިޖެހޭ ގުޅުމެވެ. ފާހަގަކުރެވޭ ކަމަކީ އެ ދެ މީހުންގެ ދޭތެރޭގައި ވެސް ބޮޑެތި ޒުވާބުތަކެއް ހިނގައި، ގަޔަށް އަތްލާ ހިސާބަށް ދިޔަޔަސް، ވަރަށް އަވަހަށް ދެ މީހުން ވެސް ފިނިވެ، އަލުން ޓްރެކަށް ރުޖޫއަވާކަމެކެވެ.

ސަނާ އާއި ސިދާތުގެ ގުޅުން ފެށިގެން އައި ގޮތަށް ބަލާ އިރު، މިއީ ޕާރަސްގެ ހިތުގައި ހަސަދަވެރިކަމެއް އުފެއްދުމުގެ ބޭނުމުގައި ސަނާ ބަދަލު ހިފުމެއްގެ ގޮތުގައި ވެސް އިހުތިޔާރުކުރި ގުޅުމެއްކަމެކެވެ. އެކަމަކު ފަހުން ސިދާތަށް ހިތްކިޔައި، ސަނާ އަށް ވަނީ ސިދާތު ދެކެ ލޯބިވެވިފަ އެވެ. ނަތީޖާ އަކީ ސަނާ ބޭނުންވާ ވަރުގެ ސަމާލުކަމެއް ސިދާތުގެ ފަރާތުން ނުލިބި އޭނާގެ ހިތްހަލާކުވެ، އެ ދެ މީހުން ގުޅުން ވާނުވާގައި އޮތުމެވެ.

އަނެއްކޮޅުން މި ލޯބީގެ ކުޅިގަނޑާ ހެދި ސަނާގެ ފަރާތުން ކުރިން ފެންނަމުން ދިޔަ މަޖާ އަދި ބެލުންތެރިން އެންޓަޓައިންވާ ކަހަލަ ކަންތައްތައް ފެނުން މަދުވެ، އޭނާގެ ސަކަ މިޒާޖު ވަނީ ގެއްލިފަ އެވެ.

މި މައްސަލަގަނޑުގެ ހޫނުކަން އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން އެޕިސޯޑްގައި ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ސަލްމާން ވަނީ ސަނާ އާއި މާހިރާއާ ދެމެދު އަބަދު ހަސަދައިގެ ބަހުސްކުރިއަށްދާތީ ދެ މީހުންގެ ތެރެއިން ހަސަދައިގެ ހުޅުގަނޑު ބޮޑީ ކާކުގެތޯ ބެލުމަށް ގޭގެ އެހެން ބައިވެރިންގެ ހިޔާލު ވެސް ހޯދައިފަ އެވެ. ނަތީޖާ ބުރަވީ ސަނާގެ ކޮޅަށެވެ. އެކަމަކު ގިނަ ބައިވެރިން ބުނީ ސަނާ "ހަސަދަލަނީ" ނޫން ކަމަށާއި އޭނާ ލޯބީގައި މާ ބޮޑަށް "ޕޮޒެޒިވް" ވަނީ ކަމަށެވެ.

ކޮންމެއަކަސް ބައިވެރިންގެ އެ ވާހަކަތައް ހަޖަމުކުރަން ދެކޮޅު ހަދައި، ސަނާ ވަނީ ގަދައަށް ރޮއި، ޝޯ ދޫކޮށްދާން ބޭނުންވާ ކަމަށް ބުނެ ސަލްމާން ވެސް ރުޅިގަދަކުރުވައިފަ އެވެ. އަދި ސަނާ ވަނީ ބިގް ބޮސްގެ ގޭގެ މައި ގޭޓް ކައިރީގައި އިށީނދެގެން އިނދެ އެތައް ފަހަރަކު ރޮއިފަ އެވެ. އަދި ބައިވެރިން އޭނާ މަސަލަސްކުރަން ދެއްކި ވާހަކަތައް ވެސް އަޑު ނާހައި، އޭނާ އެކަނި ދޫކޮށްލަން އެދިފައިވެ އެވެ.

ޝޯގެ ތެރޭގައި ލޯބީގެ މައްސަލަތައް ބޮޑުވަމުންދާތީ ސަލްމާން ވަނީ ސަނާއާ ދޭތެރޭ ސިދާތު ސަމާލުވުމަށް ވެސް އެދިފަ އެވެ. އަދި އޭނާ އަށް ހުރީ ސިދާތު ދެކެ އިންތިހާ އަށް ލޯބިވެވިފައި ކަމަށާއި އޭގެ ސަބަބުން އޭނާ ގޯސް ފިޔަވަޅެއް އަޅައިފާނެކަމުގެ ސިގްނަލް ވެސް ސަލްމާން ދިނެވެ.

މީގެ އިތުރުން ސަލްމާން ވަނީ ލޯބީގެ މައްސަލަތަކުގައި ބައިވެރިން ކޯޅޭތީ އެކަން ހުއްޓާލައި، ގުޅުންތަކަށް އިހުތިރާމުކޮށް، ހަޑި މަންޒަރުތައް ޝޯ ބަލާ މީހުންނަށް ނުދެއްކުމަށް ތަކުރާރުކޮށް އިލްތިމާސްކޮށް ވެސް ކޮށްފަ އެވެ.

އަންނަ މަހު ނިންމައިލާ "ބިގް ބޮސް 13" ގައި މިހާރު ދެމިތިބީ ސިދާތާއި ސަނާ އާއި މާހިރާ އާއި ޕާރަސް އާއި ވިޝާލާއި މަދުރިމާ އާއި އާސިމް ރިއާޒްގެ އިތުރުން ޝެފާލީ ޒަރީވާލާ (ކާންޓާ ލަގާ) އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454