އަމްޖޭގެ "އުދަބާނީ 2" ރޯދައިގެ ފަހުން ފަށަނީ

އަމްޖަދު އިބްރާހީމް (އަމްޖޭ) މިހާތަނަށް ގެނެސްދިން ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނު ބިރުވެރި ފިލްމު "އުދަބާނި" ގެ ދެވަނަ ބައިގެ މަސައްކަތް ރޯދައިގެ ފަހުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.


އަމްޖޭ ބުނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމްގެ ވާހަކައަކަށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ނިމިފައިވާ އިރު، އޭތި އިތުރަށް ޕޮލިޝްކުރަމުން އަންނަ ކަމަށެވެ. "އުދަބާނި 2" ގެ މަސައްކަތް ރޯދައިގެ ފަހަށް ތާވަލުކުރި ނަމަވެސް، ފިލްމުގެ ކާސްޓުން އަދި އެއްކޮށް ފައިނަލެއް ނުކުރެ އެވެެ.

ނަމަވެސް ފުރަތަމަ ބައިގެ ވެސް ބަތަލުގެ ރޯލް ކުޅުނު ޔޫސުފަ ޝަފީއު (ޔޫއްޕެ) ފިލްމުން ފެންނާނެ ކަމަށް އަމްޖޭ ބުންޏެވެ. އޭނާއާ އެކު 2009 ގެ "އުދަބާނި" ގެ ބަތަލާގެ ރޯލް ކުޅުނީ މިހާރު ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުގައި ހުރި އަދި ބުރުގާ އަޅާފައިވާ ބަތަލާ އާމިރާ އިސްމާއިލެވެ. މިދިޔަ އަހަރު ގެނެސްދިން "ލީނާ" ގެ ކުޑަކުޑަ ރޯލަކުން އޭނާ ފެނިފައިވެ އެވެ.

އަމްޖޭ ބުނިގޮތުގައި އަމާޒަކީ މި އަހަރު "އުދަބާނީ 2" ބެލުންތެރިންނަށް ގެނެސްދިނުމެވެ.

"އެކަމަކު އަދި ގެރެންޓީދޭކަށް ނުކެރޭނެ." 2018 ގައި "ރޭވުމުން" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމު ޑައިރެކްޓްކުރި އަދި 2016 ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބިފައިވާ އަމްޖޭގެ ދެ ފިލްމެއްގެ ބޮޑުބައި ނިމި އަދިވެސް ރިލީޒްނުކުރެވި އެބައޮތެވެ. އެއީ އޭނާގެ 50 ވަނަ ފިލްމު "ގިލަން" އާއި "ދޭތީ އަނިޔާ" އެވެ.