އިންޑިއާގެ ފިލްމު މޭކިން ކޯހެއްގައި ބައިވެރިވާން ފުރުސަތެއް

އިންޑިއާގައި ބާއްވާ ފިލްމު މޭކިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާތީ އެ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ފުރުސަތު ހުޅުވާލައިފި އެވެ.


އެންސީއީ އިން ބުނީ މި ކޯހަކީ ފިލްމު އެންޑް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންޑިއާ (އެފްޓީއައިއި) އިން އިންތިޒާމުކޮށްގެން އަންނަ މަހުގެ 17 އިން މާޗް 13 އަށް ޕޫނޭގައި ބާއްވަން ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.

މި ކޯހަށް ފުރުސަތު ދީފައި ވަނީ އިންޑިއަން އޯޝަން ރީމް އެސޯސިއޭޝަން (އަޔޯރާ) ގެ ގައުމުތަކަށެވެ.

ކޯހުން ކޮންމެ ގައުމަކުން އެކަކަށް ފުރުސަތު ދޭން ނިންމާފައިވާ އިރު، ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެންސީއޭ އިން ބުނީ ކޯސް ހުޅުވާލާފައި ވަނީ އިނގިރޭސީން ފަރިތަކޮށް ވާހަކަ ދައްކަން އެނގޭ އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

ކޯހުގައި ބައިވެރިވުމުގެ ހުރިހާ ހަރަދެއް އެފްޓީއައިއައި އިން ހަމަޖައްސައި ދޭނެ އެވެ.

މި ކޯހުގައި ސްމާޓް ފޯނުން ފިލްމު ހެދުމާއި ޑިޖިޓަލް އެޑިޓިން ޓެކްނިކްސް ދަސްކޮށް ދިނުން ފަދަ ކަންކަމާ އެކު އަދި އިންޑިއާގެ ފިލްމު ސްޓޫޑިއޯތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުންނަކީ ރަސްމީކޮށް އެ ދާއިރާ އިން ތަމްރީނުވެފައިވާ މީހުންނަށް ނުވާތީ، އިންޑިއާގެ އެފްޓީއައިއައިން ލިބުނު މި ފުރުސަތަކީ ފިލްމީ ދާއިރާ ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.