"ދި އިންޓާން" ގެ ހިންދީ ފިލްމުގައި ދީޕިކާ އާއި ރިޝީ ކަޕޫރް

މީގެ ފަސް އަހަރު ކުރިން ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައި، އެ ފިލްމުގެ މައިގަނޑު ކާސްޓުންނަށް ދީޕިކާ ޕަދްކޯން އާއި ރިޝީ ކަޕޫރް ސޮއިކޮށްފި އެވެ.


މި ފިލްމަކީ ދީޕިކާގެ ފިލްމު ކުންފުނި ކޭއޭ އެންޓަޓައިންމަންޓާއި އެޒްއާ އެންޓަޓައިންމަންޓްގެ އިތުރުން "ދި އިންޓާން" ގެނެސްދިން ވޯނާ ބްރާދާޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މީގައި ދީޕިކާ ކުޅޭނީ އޮރިޖިނަލް ފިލްމުގައި އެނަ ހެތަވޭ ކުޅުނު ރޯލެވެ. ރިޝީ ފެނިގެންދާނީ ރޮބަޓް ޑެ ނީރޯ ކުޅުނު ކެރެކްޓާއިންނެވެ.

ނޭންސީ މެޔާޒް ޑައިރެކްޓްކޮށް 2015 ގައި ގެނެސްދިން ކޮމެޑީ "ދި އިންޓާން" އަކީ ރިޓަޔާކޮށްފައިވާ ހުވަފަތްވެފައިވާ ދުވަސްވީ ފިރިހެނަކު އޮންލައިން ފެޝަން ސައިޓެއް ހިންގާ ކުންފުންޏަކާ ގުޅިގެން މަސައްކަތްކުރަން ބޭނުން ނުވުމުން އެތަނުގެ އަންހެން ވެރިޔާ އާއި އޭނާއާ ދޭތެރޭ ހިނގާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"ދި އިންޓާން" ހިންދީ ރިމެކް އިއުލާންކުރި ނަމަވެސް، މި ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު އަންނަ އަހަރު ސިނަމާތަކަށް ފިލްމު ގެންނާނެ އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ދީޕިކާ ބުނީ އޭނާ އަކީ އަބަދު ވެސް ލައިޓް-ހާޓެޑް ފިލްމުތަކަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި "ދި އިންޓާން" އަކީ ކުޅެލަން ވަރަށް ގަޔާވާ ކަހަލަ ފިލްމެއް ކަމަށެވެ.

"އެހެންވީމަ މީގެ ހިންދީ ފިލްމަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދެވޭތޯ ބަލާނަން." މި މަހު ރިލީޒްކުރި "ޗަޕާކް" ގެ ބަތަލާ ބުންޏެވެ.

ކުރީގެ ލޯބިވެރިޔާ ރަންބީރް ކަޕޫރްގެ ބައްޕަ ރިޝީއާ އެކު އަލުން ފިލްމެއްގައި މަސައްކަތްކުރަން ދީޕިކާ އަށް ފުރުސަތެއް ފަހިވެގެން ދިރު، އެ ދެ މީހުން ކުރިން ވެސް އެކީގައި ފިލްމެއްގެ މަސައްކަތް ކުރި އެވެ. އެއީ 2009 ގެ "ލަވް އާޖް ކަލް" އެވެ.

ގާތްގަނޑަކަށް 44 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ދި އިންޓާން" އަކީ ބޮކްސް އޮފީހުގައި 194.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.