"އަނދިރިކަން" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ 4 ގައި އަޅުވާ، އަލީ ސީޒަންގެ ފިލްމު "އަނދިރިކަން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ މި ފެމިލީ ޑްރާމާގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "އަނދިރިކަން" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާހާއި އަހުމަދު ސައީދާއި މަރިޔަމް ޝަކީލާ އާއި މުހައްމަދު ރަޝީދު (ދަރާ) ވެސް ހިމެނެ އެވެ.

ޓެގް ލައިނަކަށް "ދި އަންބޯން ޗައިލްޑް" ބޭނުންކުރަމުން އަންނަ "އަނދިރިކަން" އާ ބެހޭ ގޮތުން ސީޒަން ބުނީ މިއީ އަސަރު ފިލްމުތަކަށް ލޯބިކުރާ މީހުން ވަރަށް ގަޔާވާނެ އަދި ވަރަށް މުހިއްމު މެސެޖެއް ވެސް ފޯރުކޮށް ދޭނެ ފިލްމެއް ކަމަށެވެ.

މީގެ ޓްރެއިލާއިން ވެސް ދައްކުވައިދޭ ގޮތުގައި ފިލްމުގައި ލޯބީގެ މައްސަލަތަކާއި އާއިލީ މައްސަލަތަކާ އެކު ހިތްދަތިވާ ކަހަލަ ހާދިސާތަކެއް ކިޔައިދޭނެ އެވެ.

ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަޅުވަން އުޅުނު "އަނދިރިކަން" އަކީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި މީގެ ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"އަނދިރިކަން" ގެ އިތުރުން ސީޒަން މި އަހަރު އެހެން ފިލްމެއް ވެސް ގެނެސްދޭނެ އެވެ. ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ އެ ފިލްމަކީ "ލޯބިވެވިއްޖެ" އެވެ.