03 ފެބުރުއަރީ 2020 - 08:10
އެމެރިކާގެ ލޮސް އެންޖެލިސްގެ ޓޫރިޒަމް އިޝްތިހާރުކުރަން ކުރިއަށް ގެންދާ ކެމްޕޭނަކަށް ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ކޮއްކޮ އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރް ހަމަޖައްސައިފި އެވެ.
މިފަދަ ފުރުސަތެއް ލިބުކަން ސޯނަމް ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ބުނިގޮތުގައި ލޮސް އެންޖެލިސް އަކީ ވަރަށް ވެސް ހިތްގައިމު ލައިފްސްޓައިލެއް އޮންނަ އަދި އެތަނަށް ދަތުރުކުރާ މީހުން ގަޔާވާނެ ވަރަށް ގިނަ ކަންކަން ހިމެނޭ ޒަމާނީ ސިޓީއެކެވެ.
އޭގެ ތެރޭގައި އެތަނުގެ ސަގާފަތާއި ކެއުންތަކާއި ވިޔަފާރިކުރުމާއި އަދި ސިއްހަތަށް ދެވޭ ސަމާލުކަން ހިމެނޭ ކަމަށް ބުންޏެވެ.
"ލޮސް އެންޖެލިސް އަކީ ތަޖުރިބާކޮށްލާނެ އެތައް ކަމެއް ހިމެނޭ ސިޓީއެއް." ސޯނަމާއި ރިއާ ބުންޏެވެ. "މިތަނަކީ އަހަރެމެންގެ ދެވަނަ ވަޒަން ކަހަލަ ތަނެއް."
ސޯނަމާއި ރިއާ އަށް ލޮސް އެންޖެލިސްގެ ޓޫރިޒަމް އިޝްތިހާރުކުރާ ކެމްޕޭނަކުން ފުރުސަތު ލިބުނު އެ ދެބޭންނަކީ ވަރަށް ގިނައިން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރާ ދެ މީހުންނެވެ. އޭގެ ތެރެއިން އެންމެ އާންމު އެއް މަންޒިލަކީ އެމެރިކާ އެވެ.
ލޮސް އެންޖެލިސް ޓޫރިޒަމް އެންޑް ކޮންވެންޝަން ބޯޑްގެ ޗީފް މާކެޓިން އޮފިސަރު ޑޮން ސްކިއޮޗް ވިދާޅުވި ގޮތުގައި އެ ސިޓީ އަކީ އިންޑިއާ އާއި ބޮލީވުޑްގެ ފިލްމުތަކުގެ ނުފޫޒު ވެސް ގަދަ ތަނެކެވެ. އެހެންވެ އެތަން ޕްރޮމޯޓްކުރަން އިންޑިއާގެ ފަންނާނުންތަކެއް ބޭނުން ކުރުމަށް ވުރެ ވަކި ރަނގަޅު އިހުތިޔާރެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ސޯނަމާއި ރިއާގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ކެމްޕޭން ވަރަށް ކާމިޔާބު އެއްޗަކަށް ވާނެ ކަމުގެ އުންމީދު ބޮޑު،" އޭނާ ވިދާޅުވި އެވެ. "މި ކެމްޕޭނުގެ ތެރޭގައި އެލްއޭގެ އެންމެ މަޝްހޫރު ތަންތަން ބޭނުންކުރާނެ."
މިހާރު ވެސް ބޮލީވުޑްގެ ބައެއް ތަރިންނަކީ ބޭރުގެ ބައެއް ގައުމުތަކުގެ ޓޫރިޒަމް އިޝްތިހާރުކޮށްދޭ އެމްބެސެޑަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy