ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަންނަ އަހަރަށް ފަސްކޮޑްފި އެވެ.


ކުރިން މި އަހަރުގެ ޖުލައި 30 ގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް އޭގެ ޓީމުން ވަނީ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ގައި ކަން ކަށަވަރުކޮށް ދީފަ އެވެ.

މި ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބާހްބަލީ" ގެ ދެ ފިލްމަށް ރާޖަމޯލީ ގެނެސްދޭ ވަރުގަދަ ހަނގުރާމަ ފިލްމެކެވެ. "ބާހްބަލީ" ގެ ދެވަނަ ބައި ގެނެސްދީފައި ވަނީ މީގެ ތިން އަހަރު ކުރިން 2017 ގަ އެވެ.

އިންޑިއާގެ ދެކުނު މަޝްހޫރު ޒުވާން ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ބަތަލުގެ ރޯލް ކުޅޭ "އާރްއާރްއާރް" އަކީ 1920 ގައި ހިނގާ ހިޔާލީ ހަނގުރާމައެއްގެ ވާހަކަކިޔައިދޭ ފިލްމެކެވެ. މީގެ ބަތަލާ އަކީ އާލިއާ ބަޓެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެން ދާނެ އެވެ.

"އާރްއާރްއާރް" އަކީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (56 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ބޮޑު ފިލްމެކެވެ

އަލާޔާ އަށް ޕޫޖާގެ ދެވަނަ ފިލްމެއް

މިދިޔަ މަހުގެ 31 ގައި ރިލީޒްކުރި "ޖަވާނި ޖާނެމަން" އިން ތައާރަފުވި ބަތަލާ އެ ފިލްމު ޕްރޮޑިއުސްކުރުމުގައި ހިއްސާވި ވާޝޫ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓްގެ އާ ފިލްމަކަށް ވެސް ސޮއިކޮށްފި އެވެ.

އެކަން ކަށަވަރުކޮށް ދެމުން އެ ކުންފުނި ހިންގުމުގެ ޒިންމާތައް މިހާރު ނަގާ ޕްރޮޑިއުސަރު/އެކްޓަރު ޖެކީ ބަގްނާނީ ބުނާނީ އަލާޔާ އެކު ހަދާ ދވަނަ ފިލްމު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. އަދި އޭނާ އަކީ ވަރަށް އުންމީދީ ހުނަރުވެރި ބަތަލާއެއް ކަމަށާއި އަލާޔާ އެކީ މަސައްކަތްކުރުމަކީ އުފަލެއް ކަމަށް ބުންޏެވެ.

ޕޫޖާ އިން ވަނީ "ޖަވާނި ޖާނެމަން" ގެ ޑައިރެކްޓަރު ހަދާ ސްޕޯޓްސް ޑްރާމާއެއް ވެސް މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ. އެކަމަކު އަލާޔާ ފެނިގެންދާނީ އެ ފިލްމުން ކަމެއް އަދި ކަށަވަރެއް ނޫނެވެ. އޭގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ.

ރިޕޯޓްތައް ބުނާގޮތުން އަލާޔާ އަށް ވަނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ ކޮލެޖް ލޯބީގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 3" ވެސް ހުށަހަޅައިފަ އެވެ.

"ބާގީ 3" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ 6 ގައި ރިލީޒްކުރާ ޓައިގާ ޝްރޮފްގެ "ބާގީ 3" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޒުވާން އެކްޓަރު ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ "ބާގީ" ސީރީޒްގެ ތިން ވަނަ ފިލްމުން މި ފަހަރު ކުރީގެ ދެ ފިލްމަށް ވުރެ އެތައް ގުނައެއް ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެ އެވެ. ދެހާސް އަށާރައިގައި "ބާގީ 2" ގެނެސްދިން އަހުމަދު ޚާން ޑައިރެކްޓްކޮށްފައިވާ "ބާގީ 3" ގެ ޓެގް ލައިނަކީ "ދިސް ޓައިމް ހީ އިޒް އަޕް އެގެއިންސްޓް އަ ނޭޝަން" އެވެ.

މި ފަހަރު ޓައިގާއާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ 2015 ގައި ގެނެސްދިން "ބާގީ" ގެ ވެސް ބަތަލާގެ ރޯލް ކުޅުނު ޝްރަދާ ކަޕޫރެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރިތޭޝް ދޭޝްމުކް، އަންކިތާ ލޯކަންދޭ އަދި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ހިމެނެ އެވެ.

"އިމޯޓަލް އޮފް އަޝްވަތައްތާ" ގެ ތައްޔާރީތައް ފަށައިފި

މިދިޔަ އަހަރު "އުރީ: ދި ސާޖިކަލް ސްޓްރައިކް" ގެނެސްދިން ޑައިރެކްޓަރު އަދިތިޔާ ދާރް އެ ފިލްމުގެ ބަތަލު ވިކީ ކޯޝަލާ އެކު ހަދާ ސުޕަހީރޯ އެކްޝަން ފިލްމު "ދި އިމޯޓަލް އޮފް އަޝްވަތައްތާ" ގެ ތައްޔާރީތައްވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާ ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަންތަކަށް މިހާރު ނިއުޒިލެންޑާއި ނެމީބިއާ އާއި ޖަޕާނުގެ ޓޯކިއޯގެ އިތުރުން ގްރީންލޭންޑް ހަމަޖައްސާފައިވާ ކަމަށެވެ. މިއީ މިހާތަނަށް ހިންދީ ފިލްމަކުން ފެންނާނެ އެންމެ ފުރިހަމަ ވީއެފްއެކްސް ހިމެނޭ ފިލްމަށް ހެދުމަށް އޭގެ ޓީމުން އަންނަނީ އެމެރިކާގެ ކުންފުންޏަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

"ދި އިމޯޓަލް އޮފް އަޝްވަތައްތާ" އަށް ވިކީ ވާން ޖެހޭ ތައްޔާރީތަކުގެ ތެރޭގައި ބަރުދަން ގާތްގަނޑަކަށް 115 ވަރަކަށް ކިލޯ އިތުރުކުރުމާ އެކު އެކި ކަހަލަ ތަޅާފޮޅުންތައް ވެސް ދަސްކުރުން ހިމެނެ އެވެ.

މި މަހުގެ 28 ގައި ރިލީޒްކުރާ "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" ގެ ބަތަލު މިހާރު އަންނަނީ އަންނަ މަހު ކަރަން ޖޯހަރްގެ "ތަޚުތު" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.