މުނިފޫހިފިލުވުން / ދީޕިކާ

"މަހާބާރަތު" އަކީ އަހަރެންގެ އެންމެ އުންމީދީ ފިލްމު: ދީޕިކާ

11 ފެބުރުއަރީ 2020 - 07:39

ފިލްމު "މަހާބާރާތު" އަކީ ކެރިއަރުގެ އެންމެ އުންމީދީ ފިލްމު ކަމަށާއި މި ފިލްމަކީ މިހާތަނަށް މަސައްކަތްކުރާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.

އިންޑިއާގެ ތާރީހުގައި، ހާއްސަކޮށް ހިންދޫންގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ހާދިސާތަކެއް ކިޔައިދޭ "މަހާބާރާތު" އަކީ ދީޕިކާ އާއި ޕްރޮޑިއުސަރު މަދޫ މަންޓޭނާ ގުޅިގެން ހަދާ ފިލްމެކެވެ. މި ފިލްމުގައި ދީޕިކާ ކުޅޭނީ ދުރޯޕަޅީގެ ކެރެކްޓާ އެވެ.

ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގްއާ އެކު މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބަތަލާ މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ "މަހާބާރާތު" އަކީ ހުރިހާ ގޮތަކުން ވެސް ވަރަށް މަސައްކަތް ބޮޑު ފިލްމަކަށް ވާނެ ކަމަށެވެ. އެގޮތުން މި ފިލްމު ބައިތަކަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާ އިރު، ފިލްމުގެ ބަޖެޓާއި ކާސްޓާއި ފިލްމުގެ ސެޓްތަކާއި ކޮސްޓިއުމް ފަދަ ކަންކަމަކީ ވަރަށް ބޮޑު ބުރަ މަސައްކަތްތަކެއް އެކުލެވޭނެ ކަންކަން ކަމަށް ބުންޏެވެ.

"އެހެންވެ އާދައިގެ ފިލްމެއް ހަދާހާ ފަސޭހައިން މަހާބާރަތު ހެދުމަކީ ވާނެ ކަމެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި މީގެ ކުރިން އަހަރެން ކުރި މަސައްކަތުގެ ފަސް ގުނަ މިއަށް ކުރަން ޖެހޭނެ،" މީގެ ކުރިން ވެސް ތާރީހީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އެހެންވެ މިއީ އެއްގޮތަކަށް ވެސް ފަސޭހަ ޕްރޮޖެކްޓަކަށް ނުވާނެ."

އޭނާ ބުނީ "މަހާބާރާތު" މި ޒަމާނުގައި ބޮޑު ސްކްރީނަށް ގެންނަ އިރު، ބެލުންތެރިން ފިލްމާ ދޭތެރޭ ކުރާ އުންމީދުތައް ވެސް ވަރަށް ބޮޑުވާނެ ކަމަށެވެ. އެހެންވެ އެއީ ވެސް މި ފިލްމާ އެކު އޮތް ޕްރެޝަރެއް ކަމަށް ބުންޏެވެ.

"ސްކްރީނުން މަހާބާރާތު ބަލާ އިރު މީގެ ބިޔަކަން އިހުސާސްކޮށްދޭ ފެންވަރުގައި ފިލްމު ހަދަން ބޭނުން ވަނީ." ދީޕިކާ ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާންކުރި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވަރަށް ބޮޑެތި ތައްޔާރީތައްވާން ޖެހޭތީ އެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ދަނީ "މަހާބާރަތު" ގެ ސްކްރީންޕްލޭގެ މަސައްކަތެވެ.

ފިލްމު ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި އިއުލާންކޮށްފައި ނުވާ އިރު، ދީޕިކާ ފިޔަވައި މީގެ އިތުރު ކާސްޓުން ވެސް އިއުލާނެއްނުކުރެ އެވެ. އެކަމަކު ފިލްމު އަންނަ އަހަރުގެ ދިވާލީ ސިނަމާތަކަށް ގެންނަން ވަނީ ތާވަލުކޮށްފަ އެވެ.

މިދިޔަ މަހު ރިލީޒްކުރި "ޗަޕާކް" އަށް ފަހު، ދީޕިކާ މިހާރު އަންނަނީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ޑައިރެކްޓަރު ޝަކުން ބަޓްރާގެ ފިލްމަކަށް ތައްޔާރުވަމުންނެވެ. ނަން އިއުލާން ނުކުރާ އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސިދާންތު ޗަތުރަވެދީ އާއި އަނަންޔާ ޕާންޑޭ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމެކަކީ ވެސް ދީޕިކާ ކުޅެން ހަމަޖެހިފައި އޮތް ފިލްމެކެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454