12 ފެބުރުއަރީ 2020 - 07:12
އިންޑިއާގެ ކުރީގެ ރައީސް އަދި މަޝްހޫރު ސައިންސްޓިސްޓް ޑރ. އޭޕީޖޭ އަބްދުލް ކަލާމްގެ ވާހަކަ ކިޔައިދޭ ފީޗާ ފިލްމެއް ހަދަން ނިންމައި އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.
"ކަލާމް" ގެ ނަން ދީފައިވާ ފިލްމުގެ ޕޯސްޓަރު ނެރެން އާދިއްތަ ދުވަހު ނިއު ދިއްލީގައި ބޭއްވި ހަފުލާގައި ޕޯސްޓަރު ނެރެދެއްވީ އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވޭދުރަކެރެވެ. އެ ހަފުލާގައި މަޝްހޫރު ޑައިރެކްޓަރު މަދޫރް ބަންޑާކަރް ވެސް ބައިވެރިވި އެވެ.
Released the first look of the biopic of Dr. A.P.J Abdul Kalam in New Delhi today. A joint venture of #Hollywood and #Tollywood, the feature film made on the iconic People’s President of India, will be released by end of this year. pic.twitter.com/KBjrxjC1lQ
— Prakash Javadekar (@PrakashJavdekar) February 9, 2020
ޕޯސްޓަރު ނެރެދެއްވުމަށް ފަހު، މި ފިލްމުގެ ވާހަކަ ޓްވިޓާގައި ވެސް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ "ކަލާމް" އަކީ އިންޑިއާގެ ތެލެގޫ ފިލްމު އިންޑަސްޓްރީ އާއި ހޮލީވުޑްގެ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން ހަދާ ފިލްމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި "ކަލާމް" މި އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނާނެ އެވެ.
ފިލްމުގައި އޭނާގެ ރޯލް ކުޅޭނީ ބޮލީވުޑްގެ އެކްޓަރު ޕަރޭޝް ރާވަލް އެވެ. "ކަލާމް" ކުޅެން ލިބުނު ވާހަކަ އޭނާ ވަނީ މިދިޔަ މަހު ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. ޕަރޭޝް ބުނިގޮތުގައި ކަލާމްގެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ.
ހިންދީ ބަހާއި އިނގިރޭސި ބަހުން ހަދާ "ކަލާމް" ގެ ޕްރޮޑިއުސަރުންނަކީ އަބީޝެކް އަގަރްވާލާއި އަނިލް ސުންކަރާ އެވެ. އަދި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ.
އިންޑިއާގެ 11 ވަނަ ރައީސްގެ މަގާމު 2002-2007 އަށް އަދާކުރެއްވި ކަލާމް ވަނީ 2015 ގައި އަވަހާރަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy