"ޕެރަސައިޓް" ސީރީޒްގެ ރޯލެއް މާކް ރަފަލޯ އަށް

މި އަހަރުގެ އޮސްކާ އެވޯޑްގައި އެންމެ ވިދައިލި ދެކުނު ކޮރެއާގެ ފިލްމު "ޕެރައިސައިޓް" ލިމިޓެޑް ސީރީޒެއްގެ ގޮތުގައި އެޗްބީއޯ އިން ގެނެސްދޭން ނިންމާފައިވާ އިރު، އޭގެ ރޯލެއް އެކްޓަރު މާކް ރަފަލޯ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ ސީރީޒަށް ރަފަލޯ ގެންނަން ޑައިރެކްޓަރު ބޮންގް ޖޫން ހޯ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި "ޕެރަސައިޓް" ސީރީޒަށް "އެވެންޖާޒް" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު އެއްބަސްވާނެކަމުގެ އިޝާރާތްތަކެއް ވެސް ދީފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް އޭނާ އަށް ހުށަހަޅާފައި ވަނީ ކޮން ކެރެކްޓާއެއް ކަމެއް އަދި ނޭނގެ އެވެ.

ގާތްގަނޑަކަށް ހައެއްކަ އެޕިސޯޑް އެކުލެވޭ ގޮތަށް ހަދާ "ޕެރަސައިޓް" ސީރީޒްގެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އަންނަ މަހުގެ ތެރޭގައި މިއާ ބެހޭ އިތުރު ތަފުސީލުތަައް ހާމަކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

މި އަހަރުގެ އޮސްކާގެ އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ބޭރު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އޮސްކާ ވެސް ހޯދައި، ތާރީހުން ޖާގަ ހޯދި "ޕެރަސައިޓް" ގައި ކިޔައިދެނީ އެކަށީގެންވާ ތައުލީމީ ފެންވަރު ނެތް ފަގީރު އާއިލާއެއްގެ ބަޔަކު ވަޒީފާ ނުލިބިގެން، މަކަރާއި ހީލަތުން މުއްސަނދި އާއިލާއެއްގެ ވަޒީފާތަކަކަށް ކުރިމަތިލުމުން ދިމާވާ ހާދިސާތަކެވެ.

އޮސްކާގެ އިތުރުން މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގެ މޮޅު ފިލްމަކީ ވެސް "ޕެރަސައިޓް" އެވެ. މި ފިލްމަށް އެކި އެވޯޑް ހަފުލާތަކުން ލިބުނު އެވޯޑްތަކުގެ އަދަދު 180 އަށް އަރަ އެވެ.

ޖުމްލަ 11 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް 175.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.