15 ފެބުރުއަރީ 2020 - 08:23
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަލީ ފަޒަލާއި ރިޗާ ޗައްޑާ މި އަހަރު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެކީގައި "ފުކްރޭ" އާއި "ފުކްރޭ ރިޓާންސް" ގައި ވެސް މަސައްކަތްްކޮށްފައިވާ ދެ ތަރިން ކައިވެނިކުރާނީ މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގަ އެވެ. މީޑިއާތަކުން ބުނީ އަލީ، 33، އާއި ރިޗާ، 33، އާއި މީހުންގެ އާއިލާތަކުން ވެސް މިހާރު ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރިޗާ ވަނީ ފިލްމީ މަސައްކަތްތަކުގައި ދެ މީހުން ވެސް ވަރަށް ބިޒީކޮށް އުޅޭތީ ކައިވެންޏާ ދޭތެރޭ މި ވަގުތު އެހާ ސީރިއަސްކޮށް ނުވިސްނާ ކަމަށް ބުނެފަ އެވެ. އެކަމަކު ރަނގަޅު ދަނޑިވަޅެއް ލިބުމުން ކައިވެނިކުރުމަކީ ކުރާނެ ކަމަށް ބުންޏެވެ.
މިދިޔަ މަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "ޕަންގާ" ގެ މުހިއްމު ރޯލެއް ކުޅުނު ރިޗާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝަކީލާ" އާއި "އަބީ ތޮ ޕާޓީ ޝުރޫ ހުއީ ހޭ" ގެ އިތުރުން "މެޑަމް ޗީފް މިނިސްޓަރު" ހިމެނެ އެވެ.
"ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" ފަދަ ހޮލީވުޑްގެ ފިލްމުތައް ވެސް ކުޅެފައިވާ އަލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ވޮންޑަ ވުމަން" ގެ ރޯލް ކުޅޭ ބަތަލާ ގަލް ގެޑޯއާ އެކު ކުޅެފައިވާ ހޮލީވުޑްގެ ފިލްމު "ޑެތު އޮން ދަ ނައިލް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy