އަލީ އާއި ރިޗާ ފުށިފަރު ރިސޯޓްގައި ނަގާފައިވާ ސެލްފީއެއް.
18 ޑިސެމްބަރ 2018 - 11:25
އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ފުކްރޭ" ގެ ސެޓުން ހިތާވި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރިޗާ ޗައްޑާ އާއި އަލީ ފަޒަލް އަށް ރާއްޖެ އަތުވެއްޖެ އެވެ.
ދެ ތަރިން ވަނީ ޗުއްޓީ ހޭދަ ކުރަމުން އަންނަ ށ. ފުށިފަރު ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ދެ ތަރިން އެކީގައި ރާއްޖެ އައިސްފައި މި ވަނީ މިއަދު 32 އަހަރު ފުރުނު ރިޗާގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.
ދެހާސް ތޭރައިގައި ރިލީޒް ކުރި "ފުކްރޭ" އަށް ފަހު ރިޗާ އާއި އަލީ، 32، ވަނީ މިދިޔަ އަހަރު ރިލީޒް ކުރި އެ ފިލްމުގެ ދެވަނަ ބައިގައި ވެސް މަސައްކަތްކޮށްފަ އެވެ.
ޗުއްޓީ ހަދާލަން ދެ ތަރިން ރާއްޖެ އައި އިރު ރިޗާ ވަނީ އޭނާ މިހާރު ކުޅެމުން އަންނަ އަޝްވިނީ އައްޔަރު ތިވާރީގެ ފިލްމު "ޕަންގާ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ވެސް ނިންމާލައިފަ އެވެ. ކަބައްޑީ އަށް ބިނާކޮށް ހަދާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކަންގަނާ ރަނާވަތު ވެސް ހިމެނެ އެވެ.
އަލީގެ އިންސްޓަ ޕޯސްޓެއް.
ރިޗާގެ ކުރިއަށް އޮތް ފިލްމަކީ "ޝަކީލާ" އެވެ. މިއީ ސައުތު ފިލްމު އިންޑަސްޓްރީގެ ކުރީގެ ބަތަލާ ޝަކީލާގެ ބައޮގްރަފިކަލް ޑްރާމާ އެވެ. ރިޗާގެ ހަތަރު ފިލްމެއް މި އަހަރު މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ. އެއީ "3 ސްޓޯރީސް"، "ދާސްދޭވް"، "ލަވް ސޯނިއާ" އަދި "އިޝްގެރިއާ" އެވެ.
ރިޗާގެ ޕޯސްޓްކޮށްފައިވާ ވީޑިއޯއެއް.
"ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" ފަދަ ހޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އަލީ އެންމެ ފަހުން ފެނިފައި ވަނީ ދާދި ފަހުން އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރި ވެބް ސީރީޒް "މިރްޒާޕޫރް" އިންނެވެ.
"ހާމޯޝިޔާ" އާއި "3 އިޑިއަޓްސް" ފަދަ ފިލްމުތައް ކުޅެފައިވާ އަލީގެ ކުރިއަށް ހުރި ފިލްމުތަކަކީ "މިލަން ޓޯކީޒް" އާއި "ޕްރަޝްތާނަމް" އަދި "ތަޅުކާ" ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރު ރިލީޒް ކުރި "ހެޕީ ޕިރް ބާގް ޖާއޭގީ" އެވެ.
މި ހަފުތާގެ ކުރީކޮޅު ސިއްރު ފެންފުށީގައި ސަލްމާން ހާންގެ ޅިޔަނު އަދި އެކްޓަރު އާޔޫޝް ޝަރުމާ ވެސް ޗުއްޓީ ހޭދަކޮށްފައިވާ އިރު، ބަތަލާ ސުޝްމިތާ ސެން އާއި ލޯބިވެރިޔާ ރޮހްމާން ޝޯލް ވެސް މި ވަގުތު ތިބީ ރާއްޖޭގައި ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސަތުލާ
18 December 2018
މިއަދު ފުރާގެން ގޮއްސި