28 ފެބުރުއަރީ 2020 - 08:51
ބަތަލާ ރިޗާ ޗައްޑާގެ ގާތުން އިންނަން، އެކްޓަރު އަލީ ފަޒަލް އެހީ ދެ ތަރިން މީގެ ދެ އަހަރު ކުރިން ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގައި ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ސީރިއަސްކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ފަސް އަހަރުވެފައިވާ ދެ ތަރިން މިހާރު އަންނަނީ ކައިވެނި ކުރަން ތައްޔާރުވަމުންނެވެ. މީގެ ހަތް އަހަރު ކުރިން 2013 ގެ ފިލްމު "ފުކްރޭ" ގެ ސެޓުން ގާތްކަން އުފެދި، އެ ގުޅުން އޭގެ ދެ އަހަރު ފަހުން ލޯތްބަށް ބަދަލުވި އަލީ އާއި ރިޗާ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ދެ މީހުން ޗުއްޓީ ހޭދަކުރީ ށ. ފުށިފަރު ރިސޯޓްގަ އެވެ.
"ފުކްރޭ" ގެ ކާމިޔާބީ އަށް ފަހު އަލީ އާއި ރިޗާ ވަނީ އެ ފިލްމުގެ ދެވަނަ ބައި ފުކްރޭ ރިޓާންސް (2017) ގައި ވެސް މަސައްކަތްކޮށްފަ އެވެ.
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އަލީ އާއި ރިޗާ ކައިވެނިކުރަން ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހު އެވެ. ކުރިން މީޑިއާތަކުން ބުނީ އެ މީހުން ކައިވެނިކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. ބައެއް ނޫސްތަކުން ދާދި ފަހުން ބުނިގޮތުގައި ސަލްމާން ޚާން ޕްރޮޑިއުސްކުރާ "ބުލްބުލް މެރިޖް ހޯލް" އަށް ސޮއިކުރުމަށް ފަހު، އަލީ އެ ފިލްމު ދޫކޮށްލީ ވެސް ކައިވެންޏަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ.
އެގޮތުން އެޕްރީލް މަހުގެ 15 ގައި ނިއު ދިއްލީގައި ކައިވެނިކުރަން ނިންމައި، ދެ ފަރާތުގެ އާއިލާ އިން މިހާރު ވެސް ތައްޔާރީތައްވާން ފަށާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ނޫސްތަކުން ބުނާ ގޮތުގައި ދިއްލީގައި ދެ ދުވަހުގެ މުއްދަތަށް ދެމިގެންދާ ގޮތަށް ބާއްވާ ކައިވެނީގެ ހަފުލާތަކަށް ފަހު، މުމްބާއީގައި ވެސް ބޮލީވުޑްގެ ފަންނާނުންނަށް ހާއްސަކޮށްގެން ރިސެޕްޝަނެއް ބާއްވާނެ އެވެ.
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ އަލީ އާއި މިދިޔަ މަހު ރިލިޒްކުރި "ޕަންގާ" ގެ ރޯލެއް ވެސް ކުޅުނު ރިޗާގެ ކައިވެނިވެގެން ދާނީ ބޮލީވުޑުން މި އަހަރު ފެންނާނެ ފުރަތަމަ ކައިވެންޏަށެވެ.
ބޮލީވުޑުން މި އަހަރު ފެންނާނެ ކަމަށް ބެލެވޭ ކައިވެނިތަކުގެ ތެރޭގައި ވަރުން ދަވަނާއި ނަތާޝާ ދަލާލާއި ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ފާހަގަކޮށްލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy