މި މަހު އާ ކައިވެންޏެއް ކުރި ބޮލީވުޑްގެ ސުޕަސްޓާރު އާމިރު ޚާން އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ޕާލީ ހިލްގައި 100 ކްރޯޑް ރުޕީސް (10.5 މިލިއަން ޑޮލަރު)ގެ އަގުބޮޑު "ސްކައި ވިލާ"އެއް އިމާރާތްކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، މި ޕްރޮޖެކްޓަކީ ހަމައެކަނި އޭނާގެ މުއްސަނދިކަން ދައްކާލުމަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ އޭނާގެ އާ ބައިވެރިޔާ ގޯރީ ސްޕްރެޓް އާއި އާމިރުގެ މުޅި އާއިލާ އެކުގައި ދިރިއުޅުމަށް ހަދާ ހާއްސަ ރެސިޑެންސް އިމާރާތެކެވެ.

މުމްބާއީ ކަހަލަ ބިން މަދު، ތޮއްޖެހިފައިވާ ސިޓީއެއްގައި ބޮޑެތި ބަންގްލޯތައް ހެދުމުގެ ބަދަލުގައި، މިހާރުގެ ޓްރެންޑަކީ "ސްކައި ވިލާ" އެވެ. އަދި މާ ބޮޑު ތަފުސީލެއް އާންމުކޮށްފައި ނުވި ނަމަވެސް، އެ އިމާރާތުގެ އެންމެ މަތީގައި ލަގްޒަރީ ޕެންޓްހައުސްްއެއް ހުންނާނެ ކަމަށް ވެސް ރިޕޯޓްތަކުގައިވެ އެވެ. 

ޕާލީ ހިލްއަކީ ޒަމާނުންސުރެ ބޮލީވުޑްގެ އެންމެ މަތީ ފަންތީގެ ތަރިން ދިރިއުޅޭ، ހިތްފަސޭހަ އަދި ވަރަށް ފެހިކޮށް އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދު އިހުތިޔާރުކުރުމުން އާމިރުގެ އާއިލާއަށް މުމްބާއީގެ ހަލަބޮލިކަމާ ދުރުގައި ރައްކާތެރިކަމާ އެކު ދިރިއުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

އާމިރު ބޭނުންވަނީ އޭނާގެ މުޅި އާއިލާ އެއް ގެއެއްގައި ދިރިއުޅެން ކަމަށާއި އާއިލާގެ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަން ލިބޭނެ ކަހަލަ ވަކި ވިންގުތައް އެ އިމާރާތުގައި ހުންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، 100 ކްރޯޑް ރުޕީސްގެ މި ބިޔަ ޕްރޮޖެކްޓަކީ މުމްބާއީގެ ރިއަލް އެސްޓޭޓަށް އަންނާނެ ބޮޑު ބަދަލެކެވެ. މި ސްކައި ވިލާގައި އެންމެ ޒަމާނީ ހޯމް އޮޓޮމޭޝަން ސިސްޓަމްތަކާއި ލިފްޓްތަކުގެ އިތުރުން ހިތްގައިމު ބޮޑެތި ޓެރަސްތައް ވެސް ހުންނާނެ އެވެ. 

އާމިރު އާއި އޭނާގެ ލޯބިވެރިޔާ ގޯރީ ކައިވެނިކުރީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. މިއީ އާމިރުގެ ތިންވަނަ އަދި ގޯރީގެ ދެވަނަ ކައިވެންޏެވެ. 

އުމުރުން 61 އަހަރުގެ އާމިރާއި 47 އަހަރުގެ ގޯރީ ސްޕްރެޓް އެކަކު އަނެކަކު ދަންނަތާ 25 އަހަރު ވެފައިވާއިރު، އެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ މީގެ ދެ އަހަރު ކުރިންނެވެ. އާމިރު އޭނާގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް މިދިޔަ އަހަރު މީޑިއާއަށް ގޯރީ ތައާރަފުކޮށްދެމުން ބުނެފައި ވަނީ އޭނާގެ މަޝްހޫރު ފިލްމު "ލަގާން"ގެ ކެރެކްޓަރު "ބޫވަން"އަށް އެންމެ ފަހުން އޭނާގެ ހަގީގީ "ގޯރީ" ފެނުނީ ކަމަށެވެ.

ބޮލީވުޑްގެ "ޕާފެކްޝަނިސްޓެއް"ގެ ގޮތުގައި މަޝްހޫރުވެފައިވާ އާމިރު ފުރަތަމަ ކައިވެނި ކުރީ ރީނާ ދައްތާއާ  1986 ގަ އެވެ. އަދި އެ ކައިވެނި 2002 ގައި ރޫޅުނު ފަހުން 2005 ގައި ކިރަން ރާއޯއާ ކައިވެނިކުރި އެވެ. ކިރަންއާ އާމިރު ވަކިވެފައި ވަނީ 2021 ގަ އެވެ. ނަމަވެސް އާމިރު އަންނަނީ އޭނާގެ ކުރީގެ ދެ އަނބިންނާ އެކު ވިޔަފާރި އާއި އިޖުތިމާއީ މަސައްކަތްތަކުގައި އަދިވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ.

އަމީރުގެ ކުރީގެ ކައިވެނިތަކަށް ތިން ދަރިން އަދި ގޯރީގެ ކުރީގެ ކައިވެންޏަށް އެއް ދަރިއަކު ހުރެ އެވެ.