ބޮލީވުޑްގެ ތަރި އާމިރު ހާން ތިންވަނަ ކައިވެންޏެއް ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އާމިރު އުޅެނީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓްއާ އަންނަ މަހު ފަހެއްގައި ކައިވެނިކުރާށެވެ.
އެ ކައިވެންޏަކީ ބޮޑު ޕާޓީއަކާ ނުލައި، ވަރަށް އާދައިގެ ގޮތަކަށް އަދި ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނަށް އެކަނި ދައުވަތު ދީގެން ބާއްވާ ކުޑަ ހަފުލާއެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
މީގެ ކުރިން ބައެއް މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި އާމިރު ބުނެފައިވާ ގޮތުގައި، ގޯރީއާ ދިމާވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އަދި ގޯރީއާ އެކު ހުންނައިރު ހިތްހަމަޖެހުން ލިބޭ ކަމަށާއި ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ ދައްތާ އަދި ކިރަން ރާއޯއާ އެކު އޮތް ގުޅުން ކެނޑުނު ނަމަވެސް، ގޯރީ އޭނާގެ ދިރިއުޅުމަށް އައުމުން ދިރިއުޅުން ފުރިހަމަވެއްޖެ ކަމުގެ އިހުސާސްކުރެވެ އެވެ.
އާމިރު އޭނާގެ ލޯބިވެރިޔާ ގޯރީ މީޑިއާއަށް އެންމެ ފުރަތަމަ ތައާރަފުކޮށްދިނީ މިދިޔަ އަހަރުގެ މާޗު މަހު އޭނާގެ 60 ވަނަ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަފުލާގަ އެވެ. އޭގެ ފަހުން އެކި އިވެންޓްތަކުންނާއި އޭނާގެ ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ ޕްރިމިއާ އިވެންޓުތަކުން ވެސް ދެމީހުން އެކުގައި ފެނިފައިވެ އެވެ.
އާމިރުގެ ފުރަތަމަ ކައިވެނި ރޫޅުނީ 2002 ގަ އެވެ. ރީނާއާ ކުރި އެ ކައިވެންޏަށް ދެ ކުދިން (ޖުނައިދު އަދި އިރާ) ލިބިފައިވެ އެވެ. އޭގެ ފަހުން 2005 ގައި ކިރަންއާ ކުރި ކައިވެނި 2021 ގައި ރޫޅިފައިވާއިރު، އެ ދެމީހުންގެ ދަރިފުޅު އަޒާދު ބެލުމުގައި ދެމީހުން އަދިވެސް އެކުގައި ބައިވެރިވެ އެވެ.
އާމިރުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، 2022 ގެ "ލާލް ސިންގް ޗައްޑާ" އަށް ފަހު އޭނާ ވަނީ "ސިތާރޭ ޒަމީން ޕަރް" އިން އަލުން ފިލްމީ ދާއިރާއަށް އެނބުރި އައިސްފަ އެވެ. އަދި "ހެޕީ ޕަޓޭލް: ޚަތަރުނާކް ޖާސޫސް" އިން ކެމިއޯ ރޯލަކުން ފެނިފައިވެ އެވެ. މީގެ އިތުރުން، އާމިރު ޕްރޮޑިއުސްކުރާ އަދި އޭނާގެ ދަރިފުޅު ޖުނައިދު ލީޑު ރޯލު ކުޅޭ ރޮމެންޓިކް ޑްރާމާ ފިލްމު "އޭކް ދިން" މާދަމާ ޕްރިމިއާކުރަން އަންނަނީ ތައްޔާރުވަމުންނެވެ.