މި އަންނަ އާދިއްތަ ދުވަހު ކައިވެނިކުރަން އުޅޭ ކަމަށާއި މިފަހަރު ކައިވެނީގެ ބޮޑު ހަފުލާއެއް ނުބާއްވާނެ ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ބުނެފި އެވެ.
އާމިރު އާއި އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓް އަންނަ އާދިއްތަ ދުވަހު ކައިވެނިކުރަން އުޅޭކަން އޭނާ ރަސްމީކޮށް ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ. މީޑިއާތަކުން އެ ވާހަކަ ރިޕޯޓްކުރާތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެއްޖެ އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އާ ސީރީޒް "ޕްރީތަމް އެންޑް ޕެޑްރޯ"ގެ ސްކްރީނިންއެއްގެ ތެރެއިން މީޑިއާތަކާ ވާހަކަދައްކަމުން އާމިރު ވަނީ މި ކައިވެނީގެ ބައެއް ތަފްސީލުތައް ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، މި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވަރަށް ކުޑަ، އާދައިގެ ހަފުލާއެއްގެ ގޮތުގައި އޭނާގެ އަމިއްލަ ގޭގަ އެވެ.
"ކައިވެނި އޮތީ ޖުލައި ފަހެއްގައި. ކުރަނީ ގޭގައި. މިއީ ވަރަށް ކުޑަ، އާއިލީ ހަފުލާއެއް. ފަސްވަނަ ދުވަހަކީ އަހަރެމެންނަށް ވަރަށް ހާއްސަ ދުވަހެއް. ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް ބައެއް ރައްޓެހިން އެކަނި ބައިވެރިވާނީ،" އެ ދެމީހުންގެ ކުރިމަގަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދި އާމިރު ބުންޏެވެ.
މި ކައިވެނީގެ ހަފުލާ ބާއްވަނީ އިންޑިއާގެ މުމްބާއީގެ ބެންޑްރާގައި ހުންނަ އާމިރުގެ ގޭގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ކޯޓުގައި ކައިވެނި ރަޖިސްޓްރީ ކުރުމަށް ފަހު، ގޭގައި ކުޑަ ހަފުލާއެއް ބާއްވާނެ އެވެ. އަދި ބޮލީވުޑްގެ އެހެން ތަރިންގެ ކައިވެނިތަކާ ހިލާފަށް، ބޮޑު ޕާޓީއެއް ބޭއްވުމުގެ އެއްވެސް ވިސްނުމެއް އާމިރުގެ ނެތެވެ.
އާމިރު ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފަ އެވެ. ގޯރީގެ ވެސް ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ.
އާމިރާއި ގޯރީގެ ކުރީގެ ކައިވެނިތަކަށް ލިބިފައިވާ ހަތަރު ދަރިން ވެސް މި ހަފުލާގައި ބައިވެރިވާނެ ކަމަށާއި، އޭގެ ތެރޭގައި އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ޖުނައިދު ޚާން އާއި އިރާ ޚާންގެ އިތުރުން، ދެވަނަ ކައިވެންޏަށް ލިބުނު އަޒާދު ޚާން އަދި ގޯރީގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިފުޅު ހިމެނޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އާމިރު އާއި ގޯރީގެ ލޯބީގެ ގުޅުން އާންމުންނަށް ރަސްމީކޮށް ހާމަކުރީ މިދިޔަ އަހަރު އާމިރުގެ 60 ވަނަ އުފަންދުވަހާ ދިމާކޮށެވެ.