ބޮލީވުޑްގެ ސުޕަސްޓާރު އާމިރު ޚާން، އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ ގޯރީ ސްޕްރެޓްއާ މިއަދު ކައިވެނިކޮށްފި އެވެ.

އެ ކައިވެނީގެ ހަފުލާ ބޭއްވީ އިންޑިއާގެ މުމްބާއީގެ ޕާލީ ހިލްސްގައި ހުންނަ އާމިރުގެ އަމިއްލަ ގޭގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ދުވަސްވަރަކީ މުމްބާއީއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދާ ދުވަސްވަރަކަށްވީ ނަމަވެސް، ކައިވެނީގެ ތައްޔާރީތަކަށާއި ހަފުލާއަށް އެއްވެސް ހުރަހެއް އެޅިފައެއް ނުވެ އެވެ.

އާމިރު އާއި ގޯރީ ކައިވެނިކުރީ އާއިލާ އާއި ގާތް ރައްޓެހިންނަށް އެކަނި ދައުވަތު ދީގެން ގޭގައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި އެ ދެ މީހުން ވެސް ވަނީ ކައިވެނީގެ ރަޖިސްޓްރީގައި ސޮއިކޮށްފަ އެވެ. އެ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.  

އެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މެންބަރުންގެ އިތުރުން ބޭރު ގައުމުތަކުން ގޮސްފައިވާ ބައެއް ހާއްސަ މެހެމާނުން ހިމެނޭހެން ޖުމްލަ 150 އެއްހާ މީހުން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުންޏެވެ.

އާމިރާއި ގޯރީގެ ކުރީގެ ކައިވެނިތަކަށް ލިބިފައިވާ ހަތަރު ދަރިން ވެސް މި ހަފުލާގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ޖުނައިދު ޚާން އާއި އިރާ ޚާންގެ އިތުރުން، ދެވަނަ ކައިވެންޏަށް ލިބުނު އަޒާދު ޚާން އަދި ގޯރީގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިފުޅު ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މީގެ އިތުރުން ފިލްމީ ދާއިރާގެ ގާތް ރަހުމަތްތެރިން ކަމަށްވާ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކަރް އާއި ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަން މުކޭޝް އަމްބާނީގެ އާއިލާއިން ވެސް މި ހަފުލާގައި ބައިވެރިވެ، އެ ދެމަފިރިންނަށް މަރުހަބާ ކިޔާފައިވެ އެވެ.

އުމުރުން 61 އަހަރުގެ އާމިރާއި 47 އަހަރުގެ ގޯރީ ސްޕްރެޓް އެކަކު އަނެކަކު ދަންނަތާ 25 އަހަރު ވެފައިވާއިރު، އެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ މީގެ ދެ އަހަރު ކުރިންނެވެ. އާމިރު އޭނާގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް މިދިޔަ އަހަރު މީޑިއާއަށް ގޯރީ ތައާރަފުކޮށްދެމުން ބުނެފައި ވަނީ އޭނާގެ މަޝްހޫރު ފިލްމު "ލަގާން"ގެ ކެރެކްޓަރު "ބޫވަން"އަށް އެންމެ ފަހުން އޭނާގެ ހަގީގީ "ގޯރީ" ފެނުނީ ކަމަށެވެ.

މިއީ ބޮލީވުޑްގެ "ޕާފެކްޝަނިސްޓެއް"ގެ ގޮތުގައި މަޝްހޫރުވެފައިވާ އާމިރުގެ ތިންވަނަ ކައިވެންޏެވެ. އޭނާ ފުރަތަމަ ކައިވެނި ކުރީ ރީނާ ދައްތާއާ  1986 ގަ އެވެ. އަދި އެ ކައިވެނި 2002 ގައި ރޫޅުނު ފަހުން 2005 ގައި ކިރަން ރާއޯއާ ކައިވެނިކުރި އެވެ. ކިރަންއާ އާމިރު ވަކިވެފައި ވަނީ 2021 ގަ އެވެ. ނަމަވެސް އާމިރު އަންނަނީ އޭނާގެ ކުރީގެ ދެ އަނބިންނާ އެކު ވިޔަފާރި އާއި އިޖުތިމާއީ މަސައްކަތްތަކުގައި އަދިވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ.