އަލީ ފަޒަލްގެ ބަދަލުގައި "ބުލްބުލް މެރިޖް ހޯލް" އަށް ސުނިލް ގްރޯވާ

ސަލްމާން ޚާންގެ ފިލްމު ކުންފުނި އެސްކޭއެފުން ޕްރޮޑިއުސްކުރާ އާ ފިލްމު "ބުލްބުލް މެރިޖް ހޯލް" އިން ވަކިވި އަލީ ފަޒަލްގެ ރޯލް، މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ އަށް ދީފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އަލީ ފިލްމު ދޫކޮށްލީ އޭނާ އާއި ލޯބިވެރިިޔާ/ބަތަލާ ރިޗާ ޗައްޑާ މި އަހަރުގެ މެދުތެރޭގައި ކައިވެނިކުރަން ތައްޔާރުވަމުން އަންނާތީ އެވެ. އަދި "ބުލްބުލް މެރިޖް ހޯލް" ގެ ޝޫޓިން ވެސް ފަށަން ނިންމާފައި ވަނީ އަލީ އާއި ރިޗާގެ ކައިވެނި ކުރަން ނިންމާފައިވާ ޖޫން މަހު ކަމަށްވާތީ، ވަގުތުގެ ތާށިކަމާ ހުރެ އަލީ ފިލްމުން ވަކިވީ ކަމަށްވެ އެވެ.

"ބުލްބުލް މެރިޖް ހޯލް" އަކީ ލަކްނޫގެ އާއިލާއެއްގެ ތެރޭގައި ބާއްވާ ކައިވެނީގެ ބޮޑު ހަފުލާއަކަށް ބިނާކޮށް ހަދާ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ސްކްރީންޕްލޭ ލިޔަނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް" ގެ ޑައިރެކްޓަރު ރާޖް ޝާންޑަލިޔާ އެވެ.

ރަސްމީކޮށް އަދި ސަލްމާން އިއުލާންނުކުރާ "ބުލްބުލް މެރިޖް ހޯލް" ގެ ކާސްޓާ ސުނިލް ގުޅޭނެ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، އޭނާ ވަނީ މިދިޔަ އަހަރު ސަލްމާނާ އެކު "ބާރަތު" ގައި ވެސް މަސައްކަތްކޮށްފަ އެވެ. ސަލްމާނާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ސުނިލް ވަނީ ދާދި ފަހުން ކަލާޒުން ނިންމައިލި ސަލްމާން ހޯސްޓްކުރި "ބިގް ބޮސް 13" ގެ އެކިއެކި އެޕިސޯޑްތަކުގައި ވެސް މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ޝޯގެ ފަޅުކަން ފިލުވައި ދީފަ އެވެ.

ސަލްމާން އެޕްރީލް މަހު އެމެރިކާގައި ބާއްވާ ޓުއާގައި ވެސް ސުނިލް ބައިވެރިވެ އެވެ.

"ބުލްބުލް މެރިޖް ހޯލް" ގެ ކާސްޓުންގެ ތެރޭގައި ދެން ހިމެނެނީ ޕުލްކިތު ސަމްރާޓާއި ކްރިތީ ކަރްބަންދާގެ އިތުރުން ޑެއިޒީ ޝާހެވެ.