"މަލަންގް" އާ މެދު ގޯއާގެ ވެރިން ހިތްހަމަނުޖެހިއްޖެ

މި މަހުގެ 7 ގައި ރިލީޒްކުރި ޑައިރެކްޓަރު މޯހިތު ސޫރީގެ ރޮމޭންޓިކް ތުރިލާ "މަލަންގް" ގައި ގޯއާ އަކީ މަސްތުވާތަކެތީގެ ހަބެއްގެ ގޮތުގައި ދައްކުވައިދީފައިވާ ކަމަށް ބުނެ އެ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


އިންޑިއާގައި ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ވެސް މަޝްހޫރުވެފައިވާ ގޯއާގައި "މަލަންގް" ގެ މައިގަނޑު މަންޒަރުތައް ނަގާފައިވާ އިރު، މި ފިލްމުގެ ލީޑް ރޯލް ކުޅުނު އަދިތިޔާ ރޯއި ކަޕޫރަކީ ގޯއާ އަށް ނިސްބަތްވާ ޑްރަގް އެޑިކްޓެކެވެ. އެގޮތުން ފިލްމުގައި މަސްތުވާތަކެއްޗާއި ކުށުގެ އެކި ކަހަލަ ހާދިސާތައް ދައްކުވައި ދީފައިވެ އެވެ.

"މަލަންގް" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ޑިޝާ ޕަޓާނީގެ އިތުރުން ކުނާލް ކޭމޫ ވެސް ހިމެނެ އެވެ.

ގޯއާގެ ޗީފް މިނިސްޓަރު ޕްރަމޯދު ސާވަންތު ބުދަ ދުވަހު ވިދާޅުވީ ގޯއާގައި ފިލްމުތައް ޝޫޓްކުރުމަކީ އެ ސްޓޭޓުން އަބަދު ވެސް ވަރަށް މަރުހަބާކިޔާ ކަމެއް ކަމަށެވެ. އެކަމަކު "މަލަންގް" ގައި ދައްކުވައި ދީފައިވާ ގޮތަށް އެތަނަކީ މަސްތުވާތަކެއްޗާއި ކުށުގެ ހާއްޔެއްގެ ގޮތުގައި ދައްކުވައި ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޕްރަމޯދު.

އެހެންވެ ކުރިއަށް އޮތް ތަނުގައި ގޯއާގައި ފިލްމުތައް ޝޫޓްކުރުމުގެ ހުއްދަ އަށް އެދޭ އިރު، އެ ފިލްމަކީ ކޮން ކަހަލަ ފިލްމެއްތޯ ކުރިއަށް ވުރެ ބޮޑަށް އެންޓަޓައިންމަންޓް ސޮސައިޓީ އޮފް ގޯއާ އިން ބަލާނެ ކަމަށް ޕްރަމޯދް ވިދާޅުވި އެވެ.

"މިތަނުގެ އިމޭޖް ހަރާބުވާ ކަހަލަ ވާހަކަތައް ކިޔައިދޭ ފިލްމުތައް ހަދާކޮށް ފުރުސަތެއް ނުދެވޭނެ." އޭނާ ވިދާޅުވި އެވެ. "ގޯއާ އަކީ އަބަދު ވެސް ގާނޫނާއި ގަވައިދުތައް ދަމަހައްޓާ އަދި އެކަންކަން ތަންފީޒު ވެސް ކުރާ ތަނެއް. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އަހަރެމެން ހުއްދައެއް ނުދޭނަން ކުށުގެ ވެއްޓެއްގެ ގޮތުގައި ގޯއާ ދައްކުވައިދޭ ވާހަކަތައް ކިޔައިދޭ ފިލްމުތައް ހަދާކަށް."

ދާދި ފަހުން މި ބާވަތުގެ މައްސަލައެއް މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި ރާނީ މުކަރްޖީގެ "މަރުދާނީ 2" އަށް ވެސް ދިމާވި އެވެ. އެގޮތުން ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމުގެ މައިގަނޑު މަންޒަރުތައް ނެގި އިންޑިއާގެ ކޯޓާ ސިޓީ އަކީ އަންހެނުންނާ ދެކޮޅަށް ޖަރިމާތައް ހިންގާ ތަނެއްގެ ގޮތުގައި ދައްކުވައިދޭ ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ބަޔަކު އަޑު އުފުލާފައިވެ އެވެ.

މިކަމާ ގުޅިގެން ފިލްމުގެ ޓީމުން ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމެއްގެ ގޮތުގައި ފިލްމު ޕްރޮމޯޓްކުރުން ހުއްޓާލައިފަ އެވެ.