އަންނަ މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ، ރާނީ މުކަރްޖީގެ ފިލްމު "މަރުދާނީ 2" އަކީ ރާޖަސްތާން ސްޓޭޓްގެ ކޯޓާ ސިޓީ އަށް ހުތުރު ނަން ލިބޭ ފިލްމެއް ކަމަށް ބުނެ އެ ސިޓީގެ ބަޔަކު އަޑުއުފުލަން ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ފިލްމުގެ ޓްރެއިލާ ދައްކައިލުމާ އެކު، ކޯޓާ އަކީ އަންހެނުންނާއި ޅަ އަންހެން ކުދިންނާ މެދު ލާއިންސާނީ އަމަލުތައް ހިންގާ ތަނެއްގެ ގޮތުގައި ދައްކުވައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ކޯޓާގެ ބަޔަކު، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ ރައީސްގެ މަގާމު ވެސް މިހާރު އަދާކުރަމުން އަންނަ އަދި ކޯޓާ-ބުންޑީގެ ގޮނޑި ފުރަމުން އަންނަ އޯމް ބިރްލާއާ ވެސް ކަންބޮޑުވުންތުންތައް ހިއްސާކޮށްފައިވެ އެވެ.
އޭނާއާ އެކު ބޭއްވި ބައްދަލުވަށް ފަހު، "މަރުދާނީ 2" އާ ގުޅޭ ކަންބޮޑުންފާޅުކުރާ މީހުން މީޑިއާތަކަށް ބުނީ ކޯޓާގެ ނަން ފިލްމުގެ މަންޒަރުތަކުން އުނިކޮށްދޭން އެދިފައިވާ ކަމަށެވެ.
"މިތަނަކީ އެޑިއުކޭޝަނަލް ސެންޓަރެއްގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައި އޮތް ތަނެއް. އެކަމަކު މަރުދާނީ ދޭއްގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މި ސިޓީ ތަސައްވުރުކޮށްދީފައި ވަނީ ރޭޕްކުރުމާއި މާރާމާރީ ފަދަ ޖަރިމާތައް ހިންގާ ތަނެއްގެ ގޮތުގައި،" އެ މީހުން ބުންޏެވެ. "އެކަން ގަބޫލެއް ނުކުރެވޭނެ. އަދި އެކަން ޖަސްޓިފައިއެއް ވެސް ނުކޮށްދެވޭނެ. ސިނަމާގެ ޒަރީރާ އިން ކޯޓާގެ ނަން ހަރާބުކޮށްލާކަށް ފުރުސަތެއް ނުކުރެވޭނެ."
އެ މީހުން ބުނިގޮތުގައި "މަރުދާނީ 2" މައްސަލަގަނޑެއްގެ ތެރޭގައި ރިލީޒްކުރަން ބޭނުން ނުވާ ނަމަ ޑިމާންޑްތަކަށް ވައިއާރްއެފުން އިޖާބަދޭން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ފިލްމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާކުރާނެ ކަމަށް ބުންޏެވެ.
ގޯޕީ ޕުތުރާން ލިޔެ، ޑައިރެކްޓްކޮށްފައިވާ "މަރުދާނީ 2" އަކީ އަންހެނުންނާއި ކުޑައަންހެން ކުދިންނާ ދެކޮޅަށް ޖަރީމާތައް ހިންގާ މީހުން ހަމަބިމަށް ތިރިކުރަން އަންހެން ފުލުހަކު ކުރާ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ. ޓްރެލާގައި ބުނާގޮތުގައި ކޯޓާގައި ގިނަ މަންޒަރުތަކެއް ވެސް ނަގާފައިވާ ފިލްމު ހަދާފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށެވެ.
ރާނީ ފިލްމުގައި ފެނިގެންދާނީ ޝިވާނީ ޝިވާޖީ ރޯއި ކިޔާ ފުލުހެއްގެ ރޯލުންނެވެ. "މަރުދާނީ 2" އަކީ 2014 ގައި ރިލީޒްކުރި "މަރުދާނީ" ގެ ދެވަނަ ބައެވެ.