އައްޒަ އާއި މުއާ ކައިވެނިކޮށްފި

މި މަހުގެ ދެ ވަނަ ދުވަހު އެންގޭޖްވި ދެ ފިލްމީ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) މިއަދު ކައިވެނިކޮށްފަ އެވެ.


ފާހަގަކޮށްލެވޭ ރީތި ތާރީހެއްގައި އެ ދެ ތަރިން މިއަދު ކައިވެނިކުރި އިރު 20.02.20 މި ތާރީހުގައި ވަރަށް ގިނަ އަދަދެއްގެ ކައިވެނި ރާއްޖޭގައި މިއަދު ކޮށްފައިވެ އެވެ.

އައްޒަ އާއި މުއާ ކައިވެނިކުރި އިރު، މިއީ އެ ދެ މީހުންގެ ދެވަނަ ކައިވެނި ވެސް މެ އެވެ. އަދި ދެ މީހުންގެ ކުރީގެ ކައިވެނިތަކަށް ދަރިން ވެސް ލިބިފައިވެ އެވެ. އައްޒަ އާއި އެކްޓަރު/ޑިޒައިނަރު އިސްމާއީލް ޖުމައިހް (ޖުމާ) ގެ ކައިވެންޏަށް ލިބިފައި ވަނީ ފިރިހެން ދަރިއެކެވެ.

މުއާ އާއި ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނެޖިން ޑިރެކްޓަރު ޝާޔަން ޝާހިދު ވަރިވި އިރު، އެ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވެ އެވެ.

މުއާ އާއި އައްޒަ ކައިވެނިކޮށްފައި މި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ފަހުންނެވެ. ދެ ތަރިންގެ އެންގޭޖްމަންޓާ އެކު ސޯޝަލް މީޑިއާގައި މިހާރު ދެ މީހުންގެ ނަން އެއްކޮށްލައިގެން ބޭނުން ކުރަނީ "މުއައްޒާ" ގެ ނަމުގަ އެވެ.

ފިލްމީ ދާއިރާގައި ކައިވެނިކޮށްގެން އުޅޭ ޖޯޑްތަކުގެ ތެރޭގައި އައްޒަގެ ދައްތަ އަދި ބަތަލާ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގް، މުހައްމަދު މަނިކާއި ޝީލާ ނަޖީބު އަހުމަދު ސައީދާއި ފާތުމަތު އާޒިފާ (އަޒޫ) ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.