ސޯރަވް ގަންގޫލީގެ ފިލްމެއް، ކުޅޭނީ ރިތިކް ރޯޝަން؟

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސޯރަވް ގަންގޫލީގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމާފައިވާ ކަމަށާއި އެ ފިލްމު ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މުމްބާއީ މިރާ އިން ބުނި ގޮތުގައި މި ފިލްމާ ބެހޭ ގޮތުން ކަރަން އާއި ގަންގޫލީ ވަނީ މަޝްވަރާތަކެއްކޮށް މިހާރު އެއްބަސްވުމަކާ ހަމައަށް ވެސް އައިސްފަ އެވެ. އަދި ފިލްމުގައި ގަންގޫލީގެ ރޯލް ކުޅެން ރިތިކް ރޯޝަނަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ކަރަން އާއި ގަންގޫލީ ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކޔު މީގެ ކުރިން ދިން އިންޓަވިއުއެއްގައި ގަންގޫލީ ވަނީ އޭނާގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ބަޔަކު ޝައުގުވެރިވާ ނަމަ އެކަމަށް ހުއްދަ ދޭނެ ކަމަށާއި އޭނާގެ ރޯލް ކުޅެން އެންމެ ފައްކާވާނީ ރިތިކް ކަމަށް ބުނެފަ އެވެ.

ގަންގޫލީ ބުނިގޮތުގައި ބައޮޕިކެއް ހެދުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ފާޅުކުރި ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރެވެ. އަދި އެކަމާ ބެހޭ ގޮތުން މަޝްވަރާތެއް ކުރެވުނު ނަމަވެސް ފަހުން އެކަމާ ބެހޭ އެއްވެސް ވާހަކައެއް ކުރިއަށް ނުދާ ކަމަށް ގަންގޫލީ ބުންޏެވެ.

ކްރިކެޓުން އިންޑިއާ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިޔާ ވަނީ 2008 ގައި ކްރިކެޓުން ރިޓަޔާކޮށްފަ އެވެ. މިހާރު އުމުރުން 47 އަހަރުގެ ގަންގޫލީ ކްރިކެޓަށް ނުކުތީ 1992 ގަ އެވެ.

ޕްރޮފެޝަނަލްކޮށް ކްރިކެޓް ކުޅުން ހުއްޓައިލި ނަމަވެސް އޭނާ އަކީ މިހާރު ވެސް އެ ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މީހެކެވެ.