28 ފެބުރުއަރީ 2020 - 09:17
ދާދި ފަހުން ކަލާޒް ޗެނެލުން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އާސިމް ރިއާޒް، ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒާ އެކު ވީޑިއޯ ލަވައެއްގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ޖެކްލިންއާ އެކު، ޒުވާން މޮޑެލް ލަވައިގެ ޑާންސްގެ ރިހާސަލްގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯކޮޅުތަކެއް އިންސްޓަގްރާމް ސްޓޯރީގައި ޖެކްލިން ހިއްސާކުރުމުން އާސިމްގެ ފޭނުން އެ އެއްޗެހި ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ. ނަމަވެސް އެ ދެ މީހުން ފެނިގެންދާ ލަވައާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
"ބިގް ބޮސް 13" ގެ ދެވަނަ އަށް ދިޔަ އާސިމް މާ ގިނަ ދުވަހެއް ނުވެ ރަސްމީކޮށް ބޮލީވުޑަށް ނުކުމެދާނެ ކަމުގެ އަޑުތައް ފެތުރެމުން އަންނަ އިރު ދާދި ފަހުން ވަނީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފްރެންޗައިޒް "ސްޓޫޑަންޓް އޮފް ދި އިޔާ 3" އަށް ވެސް އޭނާ ސޮއިކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފަ އެވެ. އެކަމަކު ކަރަން ވަނީ އެކަން ދޮގުކޮށްފަ އެވެ.
"ބިގް ބޮސް" ކުރިއަށް ދިޔަ ދުވަސްވަރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ފިލްމަކަށް އާސިމް ނަގާފައިވާ ކަމަށް ވެސް ވާހަކަތައް ދެކެވިފައިވެ އެވެ. ނަމަވެސް އެއީ ވެސް އަދި ކަށަވަރު ވާހަކައަކަށް ނުވެ އެވެ.
އާސިމަކީ ބޮލީވުޑަށް އާ މީހެއް ނޫނެވެ. އޭނާ ވަނީ ފިލްމެއްގެ އެކްސްޓްރާއެއްގެ ގޮތުގައި ވެސް ކުރިން ފެނިފަ އެވެ. އެއީ 2014 ގައި ޑައިރެކްޓަރު ޑޭވިޑް ދަވަން، ދަރިފުޅު ވަރުން ދަވަނާ އެކު ގެނެސްދިން ފިލްމު "މޭ ތޭރޯ ހީރޯ" އިންނެވެ. އެ ފިލްމުގެ މަންޒަރެއްގައި ވަރުންއާ ތަޅާފޮޅަންދާ ގްރޫޕެއްގެ ތެރެއިން އާސިމް ފެންނާނެ އެވެ.
It looks like this guy has worked hard for years before getting his 'big' break! as they say, you just never ever stop and keep marching towards your goal and you will make it one day! #AsimRiaz has done exactly that! 👌 https://t.co/XYEVjHCJeW
— Akassh Ashok Gupta 🧨 (former: realakashbhai) (@akasshagupta) February 26, 2020
މީގެ އިތުރުން ޝާހްރުކް ޚާން ކުޅުނު ލަކްސް ސައިބޯނި އިޝްތިހާރެއްގެ އެކްސްޓްރާއެއްގެ ގޮތުގައި ވެސް އާސިމް ފެނިފައިވެ އެވެ. އެ އިޝްތިހާރުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ވެސް މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި އާސިމްގެ ފޭނުން އަންނަނީ ދައުރުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy