އަލާޔާ އަދި އަޔޫޝްމަން.
01 މާޗް 2020 - 07:27
ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ އަލާޔާ ފަރުނީޗަރުވާލާ، އެކްޓަރު އަޔޫޝްމަން ކްރާނާއާ އެކު ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ދެ ތަރިން އެކީގައި ފެންނާނީ "އިސްތިރީ ރޯގް ވިބާގް" ކިޔާ ސޯޝަލް ޑްރެމެޑީއަކުންނެވެ. މި ފިލްމުގައި އަޔޫޝްމަން ކުޅޭނީ އާއިލާ އަށް ފިލައިގެން އުޅޭ ޒުވާން އަންހެން ކުއްޖަކަށް ބޯހިޔާވަހިކަން ދީގެން އުޅޭ އަންހެން ޑޮކްޓަރެއްގެ ރޯލުންނެވެ.
ހަންގާމާ އިން ބުނިގޮތުގައި ޖަންގްލީ ޕިކްޗާޒުން ޕްރޮޑިއުސްކުރާ "އިސްތިރީ ރޯގް ވިބާގް" ޑައިރެކްޓްކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ އަންހެން ކޮއްކޮ އަނޫބުތީ ކޭޝަޕެވެ. މިއީ އޭނާގެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ސޯރަބް ބާރަތެވެ.
"އިސްތިރީ ރޯގް ވިބާގް" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ތާވަލުކޮށްފައިވާ އިރު، ސިނަމާތަކަށް ފިލްމު ގެންނާނީ އަންނަ އަހަރު އެވެ.
"ޖަވާނި ޖާނެމަން" އިން ބެލުންތެރިންގެ ތައުރީފާއި ލޯބި ހޯދި އަލާޔާ އަކީ ވަރަށް އުންމީދީ ބަތަލާއެއްގެ ގޮތުގައި ކްރިޓިކުން ފާހަގަކޮށްފައިވާ ބަތަލާއެކެވެ. ފިލްމީ އާއިލާއަކަށް އުފަން އަލާޔާގެ މަންމަ ޕޫޖާ ބޭދީ އާއި ކާފަ ކަބީރު ބޭދީ އަކީ ވެސް އެކްޓަރުންނެވެ.
އަލާޔާ އަށް މިހާރު "ޖަވާނި ޖާނެމަން" ގެނެސްދިނުމުގައި ހިއްސާވި ފިލްމު ކުންފުނި ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓްގެ އިތުރު ފިލްމެއް ވެސް ލިބުފަ އެވެ. އެތަނުން ބުނިގޮތުގައި އެ ފިލްމު ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި އަބަދު ވެސް ވަރަށް ތަފާތު ފިލްމުތައް ކުޅޭ އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޝުބް މަންގަލް ޒާދާ ސާވްދާން" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އެޕްރީލް 17 ގައި ރިލީޒްކުރާ "ގުލާބޯ ސިތާބޯ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy