04 މާޗް 2020 - 07:45
ސޮނީ ޓީވީން މިހާރު ދައްކާ މަގުބޫލު ސިލްސިލާ "ބޭހަދު 2" އެ ޗެނެލުން ދެއްކުން ހުއްޓާލައި، ސޮނީގެ ސްޓްރީމިން ޕްލެޓްފޯމަށް ބަދަލުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ބަތަލާ ޖެނިފާ ވިންގެޓް ސިލްސިލާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މުނިފޫހި ފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި މި ބަދަލު ގެންނާތީ ޖެނިފާ މިހާރު ވަނީ އޭނާގެ އެގްރިމަންޓް ވެސް އާނުކުރަން ނިންމައިފަ އެވެ. "ބޭހަދު 2" ސޮނީގެ ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވް އެޕުން ގެނެސްދޭ ނަމަ ޓީވީން ޝޯ ބަލާ އޯޑިއަންސުން ބޮޑު ނިސްބަތެއް ގެއްލޭނެ ކަމަށް ބެލެވެ އެވެ.
ޓެލީ ޗައްކަރުން ބުނިގޮތުގައި ސިލްސިލާ ސޮނީ ލިވް އެޕުން ސްޓްރީމްކުރާ ނަމަ، އޭގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް ޖެނިފާގެ ނެތެވެ. އެކަމަކު "ބޭހަދު 2" އަކީ އޭނާ ގެ ވަރަށް ހާއްސަ މަސައްކަތަކަށްވާތީ ސޮނީން ގެންނަން އުޅޭ ބަދަލު ހުއްޓުވޭތޯ އޭނާ އަންނަނީ އޭގެ ޓީމާ އެކު މަޝްވަރާތައް ކުރަމުންނެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހު ފާހަގަކުރާ ކުލައިގެ ފެސްޓިވަލް ހޮލީ އަށް ފަހު، "ބޭހަދު 2" ވަރަށް އަވަހަށް ސޮނީ ލިވް އެޕަށް ބަދަލުކުރާނެ އެވެ. އަދި ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެ ތާރީހަކީ މި މަހުގެ 13 އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ސޮނީ އާއި ޖެނިފާ އެއްވެސް ވާހަކައެއް މިހާތަނަށް ނުދައްކަ އެވެ.
"ބޭހަދު 2" އަކީ ޖެނިފާ ކުޅޭ ކެރެކްޓާ މާޔާ (މާންވީ) ސިންގްގެ ވަށައިގެން އެނބުރޭ ސިލްސިލާއެކެވެ. މީގައި ކިޔައިދެނީ ލިޔުންތެރިޔާ މާޔާއާ ހިތާވެ އޭނާގެ އެންމެ ޒުވާން އުމުރުގެ ދުވަސްތައް ހިތުން ނުފިލާވަރުގެ ހިތްދަތި މާޒީއަކަށް ބަދަލުކޮށްލި، ނުޒޫފު ވިޔަފާރިވެރިޔާ މިތުން ޖޭ ރޯއި/އެމްޖޭ (އަޝިޝް ޗައުދަރީ) އާއި އޭނާގެ އާއިލާ އިން ބަދަލުހިފުމަށް މާޔާ، އެމްޖޭގެ ދަރިއަކާ ކައިވެނިކުރުމަށް ފަހު، ކުޅޭ ކުޅިގަނޑެވެ. "ބޭހަދު 2" ގައި ޖެނިފާގެ ފިރިމީހާ ރުދުރް ރޯއިގެ ކެރެކްޓާ ކުޅެނީ ޝިވިން ނަރަންގެވެ.
މި ސިލްސިލާ އަކީ 2016-2017 ގައި ޖެނިފާއާ އެކު ސޮނީން ގެނެސްދިން "ބޭހަދު" ގެ ދެވަނަ ސީޒަނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ގައި ދައްކަން ފެށި "ބޭހަދު 2" އަކީ ސޮނީން ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން ރޭގަނޑު 8:30 ގައި ގެނެސްދޭ ސިލްސިލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy