05 މާޗް 2020 - 07:16
ސޮނީ ޓީވީން ދައްކަމުން އަންނަ މަގުބޫލު ސިލްސިލާ "ބޭހަދު 2" މި މަހުގެ ތެރޭގައި ސޮނީ ޗެނެލުން ދެއްކުން ހުއްޓާލައި، އެ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް ސޮނީން ދޮގުކޮށްފި އެވެ.
ސޮނީ އެންޓަޓައިންމަންޓް ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނީ "ބޭހަދު 2" އާ ބެހޭ ގޮތުން މީޑިއާތަކުގައި މި ދުވަސްކޮޅު ދެކެވެމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެހެންވެ ސޮނީ ޗެނެލުން ސިލްސިލާ ދެއްކުން ހުއްޓާލައި، ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވް އެޕަށް އެ ބަދަލުކުރަން އުޅޭ ކަމަށް ބުނާ ވާހަކަތަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ބުންޏެވެ.
What will Maya do when the past comes haunting her present? Find out tonight at 9 PM on #Beyhadh2. @AshishChowdhry @jenwinget #ShivinNarang #KanganBaruahNangia pic.twitter.com/MiyPFlo7wc
— Sony TV (@SonyTV) March 3, 2020
"ހަމަ ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ބޭހަދު ދޭއް ދައްކަމުން އަންނާނީ ސޮނީ ޗެނެލުން." ސޮނީ އެންޓަޓައިންމަންޓްގެ ބަޔާނުގައި ބުންޏެވެ.
ބައެއް މީޑިއާތަކުން މި ހަފުތާގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ގައި ދައްކަން ފެށި "ބޭހަދު 2" މި މަހުގެ 13 އިން ފެށިގެން ސޮނީ ލިވް އެޕަށް ބަދަލުކުރަން އޮތީ ނިންމައިފަ އެވެ. އަދި މިކަމާ ގުޅިގެން އޭގެ ލީޑް ބަތަލާ ޖެނިފާ ވިންގެޓް ހިތްހަމަނުޖެހިގެން ސިލްސިލާއިން ވަކިވުމުގެ އިޝާރާތަކެއް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ސޮނީން ނެރުނު ބަޔާނާ އެކު އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
"ބޭހަދު 2" އަކީ ޖެނިފާއާ އެކު ސޮނީން 2016-2017 އަށް ގެނެސްދިން "ބޭހަދު" ގެ ދެވަނަ ސީޒަނެވެ.
މި ފަހަރު އޭނާއާ އެކު ސިލްސިލާގެ މައިގަނޑު ރޯލްތަކުން ފެނިގެން ދަނީ އަޝިޝް ޗައުދަރީ އާއި ޝިވިން ނަރަންގެވެ.
"ބޭހަދު 2" ގައި ކިޔައިދެނީ ލިޔުންތެރިޔާ މާޔާ (ޖެނިފާ) އާ ހިތާވެ އޭނާގެ އެންމެ ޒުވާން އުމުރުގެ ދުވަސްތައް ހިތުން ނުފިލާވަރުގެ ހިތްދަތި މާޒީއަކަށް ބަދަލުކޮށްލި، ނުޒޫފު ވިޔަފާރިވެރިޔާ މިތުން ޖޭ ރޯއި/އެމްޖޭ (އަޝިޝް ޗައުދަރީ) އާއި އޭނާގެ އާއިލާ އިން ބަދަލުހިފުމަށް މާޔާ، އެމްޖޭގެ ދަރިއަކާ ކައިވެނިކުރުމަށް ފަހު، ކުޅޭ ކުޅިގަނޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy