07 މާޗް 2020 - 08:34
ބޮލީވުޑަށް ނުކުންނަން މަސައްކަތްކުރި އިރު، އޭނާގެ ނަން ބަދަލުކުރަން ލަފާދީ، ނޭފަތުގެ ބައްޓަން ރީތިކުރަން ޕްލާސްޓިކް ސާޖަރީއެއް ހަދަން އެޖެންސީން ލަފާ ދިން ކަމަށް ބަތަލާ ޖެކްލިން ފެނަންޑޭޒް ބުނެފި އެވެ.
ޕިންކްވިލާ އިން ކުރިއަށް ގެންދާ "ވިމެންސް އަޕް" ގެ ފަސް ވަނަ އެޕިސޯޑްގައި މެހުމާނެއްގެ ގޮތުން ބައިވެރިވެ، ސްރީ ލަންކާ އަށް އުފަން 34 އަހަރުގެ ބަތަލާ ވަނީ އޭނާ ކުރިން ކިޔައިނުދޭ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.
ޖެކްލިން ބުނިގޮތުގައި އޭނާގެ ނަން މުސްކާނަށް ބަދަލުކުރަން އެޖެންސީން ލަފާދިނީ އެ ނަން މާ ބޮޑަށް ހުޅަނގުގެ ނަމަކާ ވައްތަރުކަމަށް ބުނެ އެވެ.
"އެކަމަކު އަހަރެން އެންމެ ފުރަތަމަ ދުވަހު ވެސް އަޒުމު ކަނޑައެޅިން ބަޔަކު އަދި އަހަރެންގެ ނަން ބަދަލުކުރަން ލަފާ ދިނަސް އެކަން ނުކުރަން. އަދި ވަރަށް ގިނަ ފަހަރަށް އެކިއެކި މީސްމީހުން ބުނެފައި އެބަހުރި ވަކި ގޮތަކަށް އުޅޭށޭ. އޭރުންނޭ ކުރިއަށް ދާން ފުރުސަތު ލިބޭނީ،" 2009 ގައި ފިލްމު އަލައްދިން އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ބުންޏެވެ.
ޖެކްލިން ބުނިގޮތުގައި އޭނާގެ ސިފައާ ދޭތެރޭ ވެސް ކުރީކޮޅު ވަރަށް ގިނަ ބަޔަކު ފާޑުކިޔެވެ. އެގޮތުން ނޭފަތުގެ ބައްޓަން ރީތިކުރަން ސާޖަރީއެއް ހެދުމަށާއި ބުމަ ކަޅުކުރަން ފަދަ ކަންކަން ކުރަން ވަރަށް ގިނައިން ލަފާ ދީފައިވާ ކަމަށް ބުންޏެވެ.
"އަހަރެން އެންމެ ކުޑައިރުއްސުރެ ވެސް ނޭފަތަކީ އަހަރެން އެންމެ ގަޔާވި ފީޗާ. އެހެންވީމަ ނޭފަތުގެ ސާޖަރީއެއް ހަދަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލެއްނުކުރަން." އޭނާ ބުންޏެވެ.
މިހާރު ބޮލީވުޑްގައި އެންމެ ފިޔަޖަހާ ތަރިންގެ ތެރޭގައި ހިމެނޭ ޖެކްލީން ބުނީ އޭނާ އަކީ މުޅިން އެހެން ގައުމަކަށް ނިސްބަތްވާ މީހަކަށްވެފައި، ބޮލީވުޑް ކަހަލަ އިންޑަސްޓްރީއެއްގައި ފައިތިލަ ސާބިތުކޮށްލެވުނީ އަމިއްލަ ނަފުސަށް ކުރި އިތުބާރާއި ބުރަ މަސައްކަތުން ކަމަށެވެ. އަދި ހުވަފެނެއް އޮވެގެން މަސައްކަތްކުރާ ކޮންމެ މީހަކަށް ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ކަމަށް ބުންޏެވެ.
ދެހާސް ހަ ވަނަ އަހަރު މިސް ޔުނިވާސް މުބާރާތުގައި ސްރީ ލަންކާ ތަމްސީލު ވެސް ކުރި ޖެކްލިން ކުޅުނު ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 2" އާއި "ކިކް" އާއި "ބްރަދާޒް" އަދި "ޑިޝޫމް" އާއި "ރޭސް 2" އާއި "ރޭސް 3" ހިމެނެ އެވެ.
މިދިޔަ އަހަރު "ޑްރައިވް" އިން ފެނިގެން ދިޔަ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ ޖޯން އަބްރަހަމާ އެކު ކުޅޭ "އެޓޭކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަޔަސަންކަރު
07 March 2020
ޖެކްލިންގެ އެންމެ ރީތީ އޭނާގެ ނޭފަތް .. ނޭފަތުގެ ސާޖަރީއެއް ހަދަން ބުނާނީ ރީތި ހުތުރު ވަކިނުވާމީހެއް.