ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ވާހަކަ އަށް ފާއިތުވި ހަފުތާއެއްހާ ދުވަސްތެރޭގައި ވަނީ ވަރަށް ބޮޑު ޓްވިސްޓްތަކެއް އައިސްފަ އެވެ. އޭގެ ތެރޭގައި އަނޫރާގް އޭނާގެ އެންމެ ލޯބިވާ ޕްރޭނާ މަރައިލަން އުޅުމާއި ބަޖާޖްގެ ކެރެކްޓާ އަލުން އައުން ފާހަގަކޮށްލެވެ އެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، އަލުން ބަޖާޖްގެ ކެރެކްޓާއާ އެކު އެނބުރި އައީ "ކަސޯޓީ" ގެ މި ފަހަރުގެ ސީޒަނުގައި އެ ރޯލް ކުޅުމަށް ފަހު، ވަކި ހިސާބަކުން ސިލްސިލާ ދޫކޮށްލި ކަރަން ސިންގް ގްރޯވާ އެވެ. ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ބަޖާޖްގެ ކެރެކްޓާ ކުރިއަށްދާ ގޮތާ ދޭތެރޭ ގަޔާނުވެގެން ސިލްސިލާ ދޫކޮށްލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ބަޖާޖާ އެކު "ކަސޯޓީ" އަށް މިހާރު ވަނީ އަށް އަހަރުގެ ކުރިއެރުމެއް ވެސް ގެނެސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިއަށް މި ގެނައި ބަދަލުތަކާ އެކު ގެ ކުރިއަށް ހުރި އެޕިސޯޑްތަކުން އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް ފެންނަން ފަށާނެ އެވެ. އެގޮތުން ވަރަށް އަވަހަށް އިތުރު ދެ ތަރިއަކު "ކަސޯޓީ" ކާސްޓާ ގުޅޭނެ އެވެ. އޭގެ ތެރެއިން އެކަކީ މިދިޔަ މަހު ސްޓާ ޕްލަސް އިން ނިންމައިލި ސިލްސިލާ "ދިވްޔާ ދުރިޝްތީ" ގައި ރޯލެއް ކުޅުނު ޕަރުލް ޗައުދަރީ އެވެ. އޭނާ ފެންނާނީ ކެނެޑާ އިން އަންނަ އަނޫރާގްގެ ކޮއްކޮއެއްގެ ރޯލުންނެވެ.
"ކަސޯޓީ" އާ އަލަށް ގުޅޭ އަނެއް ތަރިއަކީ މިދިޔަ އަހަރު ރިލީޒްކުރި ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" ގެ ރޯލެއް ކުޅުނު އެކްޓަރު ކުނާލް ތާކޫރެވެ.
މި ދެ މީހުންނާ އެކު ޔަގީނުން ވެސް ސިލްސިލާގެ ވާހަކައިން ބެލުންތެރިން އުންމީދުނުކުރާ ކަހަލަ ބަދަލުތަކެއް ފެންނަން ފަށާނެ އެވެ.