21 އޮކްޓޯބަރ 2019 - 06:34
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ބަޖާޖްގެ ރޯލް ކުޅެމުން އަންނަ ކަރަން ސިންގް ގްރޯވާ އެ ރޯލް ދޫކޮށްލަން ނިންމުމާ ގުޅިގެން މި ވަގުތަށް އޭނާގެ ބަޖާޖްގެ ކެރެކްޓާ އަށް ނިމުމެއް ގެންނަން ނިންމައިފި އެވެ.
ކުރިން ޝޫޓްކޮށްފައިވާ މަންޒަރުތަކާ އެކު ސިލްސިލާގެ ކުރިއަށް ހުރި ބައެއް އެޕިސޯޑްތަކުން ކަރަން ފެނުނު ނަމަވެސް އޭނާ ވަރަށް އަވަހަށް "ކަސޯޓީ" އިން ގެއްލޭނެ އެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ސިލްސިލާ ދޫކޮށްލަން ކަރަން ނިންމުމާ ގުޅިގެން އޭގެ ޓީމުން އޭނާ އަށް އަލްވަދާއު ކިޔަން ހަފުލާއެއް ވެސް ބޭއްވި އެވެ. އޭގެ ފޮޓޯއެއް ވެސް ކަރަން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
ބޮލީވުޑުން މިހާރު ގެއްލިފައިވާ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ބުނީ "ކަސޯޓީ" ގައި ބަޖާޖްގެ ރޯލް ކުޅެން ލިބުމަކީ އާ ތަޖުރިބާއެއް ކަމަށާއި އެކަމާ އުފާވާ ކަމަށެވެ. އެކަމަކު ސިލްސިލާ އިން ވަކިވާން ނިންމީ އޭގެ ވާހަކަ ބޮޑަށް ބިނާވެފައިތީ އޮތީ ޕްރޭނާ އާއި އަނޫރާގަށް ކަމަށްވާތީ، ބަޖާޖްގެ ކެރެކްޓާ ބައްޓަންވަމުންދާ ގޮތާ ދޭތެރޭ އެހާ ހިތްހަމަނުޖެހޭތީ ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލުކުރަން މިއީ އަނޫރާގާއި ޕްރޭނާގެ ލޯބީގެ ވާހަކައެއްކަން. ބެލުންތެރިން ވެސް ބޭނުން ވަނީ އެ ދެ ކެރެކްޓާ އަށް ސިލްސިލާގެ މުޅި ފޯކަސް އޮންނަން،" ބޮލީވުޑްގެ ފިލްމުތަކުން މަދުމަދުން ފެންނަ ކަރަން ބުންޏެވެ. "ދެން އަހަރެންގެ ކެރެކްޓާއަކީ އެހާ މުހިއްމު ކަމެއް ދެވޭ އަދި މާ ރަނގަޅަކަށް ކުރިއަށްދާ ރޯލެއް ކަމަށް ގަބޫލުނުކުރެވޭތީ ކަސޯޓީގެ ޓީމާ ވާހަކަ ދައްކާފައި ވަކިވާން ނިންމީ."
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ގައި ދައްކަން ފެށި "ކަސޯޓީ" އާ ކަރަން ގުޅުނީ ޖޫން މަހުގެ ތެރޭގަ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފަހަރު ސިލްސިލާގައި ބަޖާޖް ރޯލް ކުޅެން ކަރަން އަށް ލިބުނު އިރު، 2001-2008 އަށް ގެނެސްދިން "ކަސޯޓީ" ގެ ފުރަތަމަ ސީޒަނުގައި ވެސް ކަރަން ރޯލެއް ކުޅެފައިވާ ކަމެވެ. އެގޮތުން އެ ސިލްސިލާގެ ޝަރަދު ގުޕްތާގެ ކެރެކްޓާ އިން 2005-2008 އަށް ކަރަން ފެނިފައިވެ އެވެ.
Guess who’s back..back again!#KasautiiZindagiiKay, Mon-Fri 8pm only on StarPlus and Hotstar: https://t.co/Y0g4uegfIO@iamksgofficial @LaghateParth @iamEJF #AamnaSharif pic.twitter.com/O4CeWLLv5j
— StarPlus (@StarPlus) October 14, 2019
"ކަސޯޓީ" ގެ ބަޖާޖްގެ ކެރެކްޓާ ކަރަން ދޫކޮށްލި އިރު އޭނާ މަސައްކަތް ފަށާފައި އޮތް ފިލްމެއް ވެސް އެބައޮތެވެ. އެއީ "ފިރުކީ" އެވެ. "ހޭޓް ސްޓޯރީ 3" އާއި "އެލޯން" ގެ ބަތަލު ބުނިގޮތުގައި އެ ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިންމައިލެވޭނެ އެވެ.
ކަރަން "ކަސޯޓީ" ދޫކޮށްލުމާ އެކު އެ ކެރެކްޓާ ދެން ކުޅޭނެ އެކްޓަރަކާއި އަނބުރާ ގެންނާނެ އިރެއް ނޭނގެ އެވެ. އެކަމަކު ކޮންމެހެން ވެސް އާ އެކްޓަރަކު ހޯދަން ޖެހޭނެ އެވެ. މިއީ "ކަސޯޓީ" އާ ސީޒަނާ ގުޅިގެން އެކްތާ އަށް މިކަހަލަ މަސައްކަތަކާ ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ.
ކޮމަލިކާގެ ރޯލް ކުޅެމުން ދިޔަ ހީނާ ޚާން ސިލްސިލާ ދޫކޮށްލުމުން އެ ރޯލަށް އާމްނާ ޝަރީފް ގެނެސް "ކަސޯޓީ" އިން އަލުން ކޮމަލިކާ ދައްކައިލަން އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy