އިންޑިއާގެ ޓީވީ ސްކްރީންތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ނާގިން" ފްރެންޗައިޒް ބޮޑު ސްކްރީނަށް ގެންނަން އުޅޭކަން މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އިއުލާންކޮށްފި އެވެ.

ނަމަވެސް އެ ފިލްމާ ބެހޭ އިތުރު ތަފްސީލުތައް އަދި ހާމައެއް ނުކުރެ އެވެ.

ފާއިތުވި އަހަރުތަކުގައި ނާގިންގެ ރޯލުތައް ކުޅުނު އެކްޓަރުން ފެންނަ ވީޑިއޯއަކާ އެކުގައި އެކްތާ މި ޚަބަރު ހިއްސާކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގަ އެވެ.

އެ ވީޑިއޯގައި ސީރީޒް ކުރިއަރައިގެން ދިޔަގޮތުގެ ކުރު ހުލާސާއެއް ދެއްކުމަށް ފަހު، "ދެން ވާނީ ކީއްކަން ބަލަން ތިބޭ" ޖަހައި ބުނެފައި ވަނީ، 11 އަހަރު ވަންދެން ކުޑަ ސްކްރީނު (ޓީވީ)ގައި ދެއްކުމަށް ފަހު ބާލާޖީ ޓެލެފިލްމްސް އިން މިހާރު ތައްޔާރުވަނީ "ނާގިން" ފްރެންޗައިޒް ޓީވީން ބޭރަށް ގެންދިއުމަށް ކަމަށެވެ.

"ނާގިން" އެންމެ ފުރަތަމަ ދައްކަން ފެށީ 2015 ވަނަ އަހަރު އެވެ. ފުރަތަމަ ސީޒަނުގައި މައިގަނޑު ރޯލުތައް ކުޅުނީ މޯނީ ރޯއި އާއި އަރުޖުން ބިޖްލާނީ އެވެ.

ކްލެސިކް ވާހަކަތަކާއި ފެންޓަސީ އަދި ލޯބީގެ ހާދިސާތައް އެކުލެވޭ އެ ސީރީޒް ވެގެންދިޔައީ އިންޑިއާގެ ޓީވީ ތާރީޚުގައި ވެސް އުފެއްދި އެންމެ ކާމިޔާބު އެއް ފްރެންޗައިޒަށެވެ.

އެ ސީރީޒްގެ ދެވަނަ ސީޒަނުގައި ވެސް މޯނީ އުޅުނުއިރު، ތިންވަނަ ސީޒަނުގައި ލީޑް ރޯލު ކުޅުނީ ސުރްބީ ޖިޔޯތީ އެވެ. ހަތަރުވަނަ ސީޒަނުގައި ނިއާ ޝަރުމާ ފެނުނު ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެ ސީޒަން ކުއްލިއަކަށް ނިންމާލަން ޖެހުނެވެ.

އޭގެ ފަހުން، ފަސްވަނަ ސީޒަނުގައި ސުރްބީ ޗަންދްނާ އަދި ހަވަނަ ސީޒަނުގައި އުޅުނީ ބިގްބޮސް 15 ކާމިޔާބުކުރި ތޭޖަސްވީ ޕްރަކާޝް އެވެ. އަދި މިދިޔަ އަހަރު ދެއްކި ހަތްވަނަ ސީޒަނުގައި އުޅުނީ ޕްރިޔަންކާ ޗަހާރު ޗައުދަރީ، އީޝާ ސިންގް، ނާމިކް ޕޯލް އަދި ކަނިކާ މަން އެވެ. އެ ސީޒަން ނިމުނީ މިދިޔަ ޖޫން މަހު އެވެ.

މި ފިލްމާ ގުޅިގެން އެންމެ ބޮޑު ސުވާލެއް އުފެދިފައި ވަނީ އާ "ނާގިން"ގެ ރޯލު ކުޅޭނީ ކާކު ހެއްޔެވެ؟

އެކްތާ އެ ތަރިއެއްގެ ނަން އަދި ހާމަނުކުރި ނަމަވެސް، ބޮލީވުޑްގެ މަޝްހޫރު މޫނެއް ނުވަތަ ޓީވީގެ މަޝްހޫރު މޫނެއް އެ ރޯލުން ފެންނާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ވެސް ޝްރައްދާ ކަޕޫރު މައިގަނޑު ރޯލު ކުޅޭގޮތަށް "ނާގިން" ފިލްމު ޓްރިލޮޖީއެއް އިއުލާންކުރި ނަމަވެސް، އެ ޕްރޮޖްކެޓުގެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެ އެވެ.