ބޮލީވުޑްގެ ކާމިޔާބު ފިލްމު ސީރީޒް "ދުރަންދަރު"އަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުން "ޖަހަންނަމް ބާ'ރާސްތާ ޖަންނަތު"ގެ ނަމުގައި ޑްރާމާއެއް އުފައްދައިފި އެވެ. 

އިންޑިއާގެ ޑައިރެކްޓަރު އަދިތުޔަ ދާރް އުފެއްދި "ދުރަންދަރު"ގައި ޕާކިސްތާނަކީ ޓެރަރިސްޓުން އުފައްދާ ތަނެއް ކަމަށް ދޭހަވާ ގޮތަށް ދައްކާފައި ވާތީ، އެ ގައުމުގެ މީހުންގެ މެދުގައި ވަނީ އެ ފިލްމާ މެދު ނުތަނަވަސްކަން އުފެދިފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެކަމަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގެ "ގްރީން އެންޓަޓައިންމަންޓް" އިން މިދިޔަ މަހު ވަނީ "ޖަހަންނަމް ބާ'ރާސްތާ ޖަންނަތު"ގެ ނަމުގައި އުފައްދާފައިވާ ޑްރާމާއެއް ދައްކަން ފަށައިފަ އެވެ. އެ ޑްރާމާގެ ހަތަރު އެޕިސޯޑެއް މިހާތަނަށް ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވެ އެވެ. 

އެ ޑްރާމާގައި ދައްކަނީ އިންޑިއާގެ ޖާސޫސީ އިދާރާ "ރޯ"ގެ ވެރިޔާ، ޕާކިސްތާނުގައި ބިރުވެރިކަން އުފައްދައި އެ ގައުމު ހަލާކުކޮށްލުމަށް ރާވާ ރޭވުންތަކެވެ.

އެ ރޯލު ކުޅެނީ ޕާކިސްތާނު މަޝްހޫރު އެކްޓަރު އަދި އިންޑިއާގެ ފިލްމުތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ ޖާވިދު ޝެއިހެވެ. ޖާވިދަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމު "އޯމް ޝާންތީ އޯމް"ގައި ޝާހްރުކް ޚާންގެ ބައްޕަގެ ރޯލު ކުޅުނު އެކްޓަރެވެ. 

ޕާކިސްތާނުން އުފެއްދި ޑްރާމާއެއް ސޯޝަލް މީޑިއާގައި ބައެއް މީހުންގެ ފާޑުކިޔުމާއި މަލާމާތް ވެސް ރައްދުވެފައިވެ އެވެ.

އެ ޑްރާމާއަށް ފާޑުކިޔުން އަމާޒުވި ބައެއް ކަންކަމުގެ ތެރޭގައި އިންޑިއާގެ އޮފިޝަލުން ވާހަކަދައްކާއިރު ޕާކިސްތާނުގައި ބޭނުންކުރާ ސާފު އުރުދޫ ބަހުން ވާހަކަދެއްކުމާއި އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ "ރޯ"ގެ ހެޑްކުއާޓަރު ދައްކާއިރު، ކުޑަދޮރުން ބޭރުން މުމްބާއީގައި ހުންނަ މަޝްހޫރު ބްރިޖު "ބެންޑްރާ-ވޯލީ ސީ ލިންކް" ފެނުން ކަހަލަ ކަންކަން ހިމެނެ އެވެ.

ރަންވީރު ސިންގް، އަކްޝޭ ކަންނާ، އަރްޖުން ރާމްޕާލް އަދި ސަންޖޭ ދަތު ކަހަލަ ތަރިން މުހިންމު ރޯލުތައް ކުޅެފައިވާ "ދުރަންދަރު"އަކީ މިހާތަނަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. ނަމަވެސް، ޕާކިސްތާނުން އުފެއްދި މި ޑްރާމާގެ ފެންވަރު ދަށްވުމާއި މައުލޫމާތުތައް ދިމާނުވުމުގެ ސަބަބުން ބައެއް މީހުން ބުނަމުން ދަނީ މިއީ "ދުރަންދަރު"އާ އަޅާކިޔޭވަރުގެ އުފެއްދުމެއް ނޫން ކަމަށެވެ.