ބޮލީވުޑްގެ އެކްޓަރު އަޔުޝްމާން ކުރާނާގެ ކުރިއަށް އޮތް ފިލްމު "މުޕާޕާ"ގެ ލީޑު އަންހެން އެކްޓަރުގެ ރޯލުން ފެންނާނީ ޝްރެޔާ ޗޯދުރީ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއީ މި ދެ އެކްޓަރުން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

އެމެޒޯން ޕްރައިމްގެ މަގުބޫލު ސީރީޒް "ބަންދިޝް ބެންޑިޓްސް" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ޝްރެޔާ ބޮޑު ސްކްރީނުގެ ފިލްމަކުން ފެންނާނެ މިއީ ފުރަތަމަ ފަހަރެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ސަމީރު ސަކްސޭނާ އެވެ. 

މި ފިލްމަކީ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އާއި ޕޯޝަމް ޕާ ޕިކްޗާސް ގުޅިގެން ސިނަމާތަކަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ވާހަކަ އާއި ކެރެކްޓާތަކާ ބެހޭ ތަފްސީލުތައް އަދި ސިއްރުކޮށްފައިވީ ނަމަވެސް، މިއީ ވަރަށް ތަފާތު މަސައްކަތަކަށް ވެގެންދާނެ ކަމަށް ރިޕޯޓުތައް ބުންޏެވެ.

"މުޕާޕާ" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ފެބްރުއަރީ 19 ގަ އެވެ.