ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ބޮޑު ފިލްމު "ލަވް އެންޑް ވޯ"ގެ ލީޑު ތަރިންގެ "ފަސްޓް ލުކް" ޕޯސްޓަރުތައް އާންމުކޮށްފި އެވެ.
މި ފިލްމުގެ ޕްރޮމޯޝަނަލް ކެމްޕޭން ފެށުމުގެ ގޮތުން، ފިލްމުގައި ހިމެނޭ ތިން ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި ވިކީ ކޯޝަލްގެ ހާއްސަ ކެރެކްޓާ ޕޯސްޓަރުތައް މިދިޔަ ދުވަސްތަކުގައި ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ރަންބީރުގެ ޕޯސްޓަރުން ފެންނަނީ ރެޓްރޯ ގޮތެކެވެ. އޭނާ ކްލެސިކް ކާރެއް ދުއްވަން އިންނައިރު، އޭނާގެ އެއް އަތުގައި ލެޔާއި އަނިޔާގެ ނިޝާންތައް ހުއްޓެވެ.
އާލިއާގެ ޕޯސްޓަރުން ފެންނަނީ 70 ގެ އަހަރުތަކުގެ ކެބަރޭ ނެށުންގަނޑެއްގެ ސިފައެކެވެ. ރަތް ކުލައިގެ ހެދުމަކާ އެކު، ބޮލުގައި ދޫނިފަތް ޖަހައިގެން ހުރިއިރު، އޭނާގެ މި "ޝޯގާލް" ލުކް ވަނީ ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދައިފަ އެވެ.
ވިކީގެ ޕޯސްޓަރުތަކުން ފެންނަނީ ވަރަށް ސީރިއަސް އަދި ވަރުގަދަ ސިފައެކެވެ. އެއް ޕޯސްޓަރެއްގައި އޭނާ ނިއްކުރިމަތީގައި ކުޑަ ލަކުނެއް ހުރިއިރު، އޭނާގެ އަތުގައި ސިނގިރޭޓަކާއި ލައިޓަރެއް އޮތް ތަން ފެނެ އެވެ. އަނެއް ޕޯސްޓަރުގައި އޭނާ ހުރީ މާބޮނޑިއެއް ހިފަހައްޓައިގެންނެވެ.
"ލަވް އެންޑް ވޯ"އަކީ ހަނގުރާމައެއްގެ ތެރޭގައި ހިނގާ ތިނެސްކަން ލޯބީގެ ވަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ރިޕޯޓްތައް ބުނި ގޮތުގައި ރަންބީރު އާއި ވިކީ މި ފިލްމުގައި ކުޅެނީ އެއާފޯސް އޮފިސަރުންގެ ރޯލެވެ.
އަންނަ އަހަރު ޖެނުއަރީ 21 ގައި ރިލީޒްކުރާ މި ފިލްމަކީ ރަންބީރާއި އާލިއާ އަދި ވިކީ އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.