ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ކިންގް"ގެ ބޭރު ގައުމުތަކުގެ ތިއޭޓްރިކަލް ރައިޓްސް ރެކޯޑް އަގެއް ކަމަށްވާ 175 ކުރޯޑް ރުޕީސް (ގާތްގަނޑަކަށް 18 މިލިއަން އެމެރިކާ ޑޮލަރު) އަށް ވިއްކާލައި، އިންޑިއާގެ ސިނަމާގެ ތާރީޚުގައި އާ ރެކޯޑެއް ހަދައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިއީ މިހާތަނަށް އިންޑިއާގެ ފިލްމެއްގެ "އޯވަސީސް ރައިޓްސް" މިހާ ބޮޑު އަގަކަށް ވިއްކާލި ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުން ހަދާފައި ވަނީ މަޝްހޫރު ޑިސްޓްރިބިއުޝަން ކުންފުނި ފާސް ފިލްމްސްއާ އެކު "މިނިމަމް ގެރެންޓީ" އުސޫލުންނެވެ. މިހާތަނަށް އިންޑިއާގެ އެއްވެސް ފިލްމެއްގެ އޯވަސީސް ރައިޓްސް 100 ކުރޯޑް ރުޕީސްއާ ގާތަށް ވެސް ވިއްކާފައި ނުވާއިރު، "ކިންގް" އިން ހޯދި މި އަގަކީ މުޅި ސިނަމާ ސިއްސުވާލި އަދަދެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.
މީގެ ކުރިން ޝާހުގެ "ޕަތާން" އާއި "ޖަވާން" ކަހަލަ ކާމިޔާބު ފިލްމުތައް ބޭރު ގައުމުތަކުގައި ޑިސްޓްރިބިއުޓް ކުރީ ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިންނެވެ.
ނަމަވެސް، ބޮކްސް އޮފީހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، މިހާ ބޮޑު އަގެއް ދައްކައިގެން މި ފިލްމު ގަތް ޑިސްޓްރިބިއުޓަރުންނަށް ފައިދާއެއް ހޯދުމަށް ނުވަތަ ގެއްލުން ނުވެ ސަލާމަތްވުމަށް، ބޭރު ގައުމުތަކުގެ ސިނަމާތަކުން ފިލްމަށް މަދުވެގެން 350 އާއި 375 ކުރޯޑް ރުޕީސް (ގާތްގަނޑަކަށް 37-40 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ހޯދަން ޖެހޭނެ އެވެ.
އޭގެ ސަބަބަކީ ބޭރުގެ ސިނަމާތަކުން ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން ޑިސްޓްރިބިއުޓަރުންގެ އަތަށް އާންމުކޮށް ލިބެނީ ގާތްގަނޑަކަށް 50 ޕަސެންޓު ކަމަށް ވާތީ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މިއާ އެކު، "ކިންގް"އަށް ޖެހޭނީ 2023 ގައި ޝާހު ނެރުނު އަދި ބޭރު ގައުމުތަކުގެ ބޮކްސް އޮފީހުން 400 ކުރޯޑް ރުޕީސް ހޯދި ދެ ބްލޮކްބަސްޓާ ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން" ކަހަލަ ވަރުގަދަ ވިޔަފާރިއެއްކޮށް، "އާރްއާރްއާރް" އާއި "ދުރަންދަރު 2" ކަހަލަ ފިލްމުތަކުގެ ރެކޯޑުތަކާ ވާދަކުރާށެވެ.
ސިއްދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ފިލްމުގައި ޝާހުގެ އިތުރުން އޭނާގެ ދަރިފުޅު ސުހާނާ ޚާން، ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން އަދި ރާނީ މުކަރްޖީ ވެސް ފެންނާނެ އެވެ.
"ކިންގް" ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައި އަންނަ މަހު 24 ގަ އެވެ.