ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު "ކިންގް" އަންނަ ޑިސެމްބަރު މަހު ގެނެސްދޭން ނިންމައިފި އެވެ.
ޝާހުގެ ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން އިއްޔެ ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ "ކިންގް"ގެ ޓީޒާއަކާ އެކު، އެ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފަ އެވެ.
"ކިންގް" ޕްރިމިއާކުރަނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
"އިޓްސް ޓައިމް ޓު ރޯރް"ގެ ނަމުގައި ނެރުނު 45 ސިކުންތުގެ ޓީޒާގައި ވަނީ ޝާހު އެ ފިލްމުގައި ފެންނާނެ ގޮތް ދައްކާލައިފަ އެވެ.
އެ ޓީޒާ ފެށެނީ ފިނި ހިސާބެއްގައި ފަރުބަދަތަކެއްގެ މަތީގައި ޝާހު ހުއްޓާ ފެންނަ މަންޒަކާ އެކުގަ އެވެ. އަދި އޭގެ ފަހުން އަންނަ މަންޒަރެއްގައި ވަށައިގެން ބިއްލޫރި ޖަހާފައި ހުރި އިމާރާތެއްގެ އެތެރެއަށް އޭނާ ފުއްމާލާ ތަން ދައްކަ އެވެ.
"އަހަންނަކީ ބިރެއް ނޫން، އަހަންނަކީ ބިރުވެރިކަން،" އެ ޓީޒާގައި ޝާހު ބުންޏެވެ.
"ކިންގް"އަކީ ޝާހުގެ "ޕަޓާން" އާއި ރިތިކް ރޯޝަންގެ "ވޯ" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ ސިދާތު އާނަންދު ޑައިރެކްޓުކުރާ ފިލްމެކެވެ.
ޝާހުއާ އެކު "ކިންގް"ގައި މުހިންމު ރޯލުތައް ކުޅެނީ އޭނާގެ ދަރިފުޅު ސުހާނާ ޚާންގެ އިތުރުން ރާނީ މުކަރްޖީ، ދީޕިކާ ޕަޑުކޯން، އަނިލް ކަޕޫރް، ޖެކީ ޝްރޮފް، އަރްޝަދު ވަރްސީ، އަބީޝެކް ބައްޗަން، ޖައިދީޕް އަހްލަވަތު އަދި އަބޭ ވަރްމާ އެވެ.