ބޮލީވުޑްގެ ފްރެންޗައިޒް "ދުރިޝްޔަމް"ގެ ތިންވަނަ އަދި އެންމެ ފަހު ފިލްމު ކަމަށްވާ "ދުރިޝްޔަމް: ދަ ކޮންކްލޫޝަން"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
އެ ފިލްމުގައި އަޖޭ ދޭވްގަން ކުޅޭ "ވިޖޭ ސަލްގޯންކަރް"ގެ ކެރެކްޓާއާ ދެކޮޅަށް މިފަހަރު ނުކުންނަނީ ކްރައިމް ބްރާންޗުގެ އާ އޮފީސަރުގެ ރޯލުން ފެންނަ ޖަައިދީޕް އަހްލާވަތެވެ.
ޓްރެއިލާ އިން ފެންނަ ގޮތުގައި، ވިޖޭ އާއި އޭނާގެ އާއިލާއިން ސިއްރުކުރަން މަސައްކަތްކުރާ ހަގީގަތް ހާމަކުރުމަށް އެސްޕީ ރާޖްވީރު ސިން ތޯމަރު (ޖައިދީޕް) ވަނީ ވަރަށް ބޮޑަށް އަމާޒުހިފައިފަ އެވެ. އަދި ކުރީގެ ފިލްމުތަކާ ހިލާފަށް މިފަހަރު ފުލުހުންގެ ނުރައްކާ ބޮޑުވެ، އާއިލާ ރައްކާތެރިކުރުމަށް ވިޖޭ ކުރާ މަސައްކަތުގައި އޭނާ ވަރަށް ބޮޑަށް ނިކަމެތިވެ، އަދި ބިރުވެރިކަމެއްގެ ތެރޭގައިވާތަން ފެނެ އެވެ.
އެ ފިލްމުގައި ކުރީގެ ބައިތަކުން ފެނުނު ތާބޫ (އައިޖީޕީ މީރާ ދޭޝްމުކް)ގެ ރޯލަށް އެނބުރި އަންނައިރު، އޭނާގެ ބަދަލުހިފުމުގެ ރޫހު އަދިވެސް ހަމަ ކުރިއެކޭ އެއްގޮތެވެ.
މީގެ އިތުރުން ވިޖޭގެ އަންހެނުންގެ ރޯލުން ޝްރިޔާ ސަރަން އާއި އެހެން މުހިންމު ތަރިން ވެސް އެ ފިލްމުން ފެންނާނެ އެވެ.
ޓްރެއިލާގައި ވިޖޭ ބުނާ ގޮތުން، "މިއީ މިހާރު ސިކުނޑީގެ ކުޅިވަރެއް ނޫން. މިއީ ނަސީބާ ގުޅިފައިވާ ކުޅިވަރެއް،" އެވެ.
އަބީޝެކް ޕާޓަކް އުފައްދާ "ދުރިޝްޔަމް: ދަ ކޮންކްލޫޝަން" ސިނަމާތަކުގައި އަޅުވާނީ އަންނަ މަހު ދޭކުން ފެށިގެންނެވެ.
މިއީ 2015 ވަނަ އަހަރު ފެށުނު "ދުރިޝްޔަމް" ސީރީޒްގެ ނިމުން ކަމަށްވާއިރު، މި ފިލްމަކީ މަލަޔާލަމް އޮރިޖިނަލް ފިލްމުގެ ހިންދީ ރީމޭކެކެވެ.