މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ އުފަންދުވަހާ ދިމާކޮށް މިދިޔަ ހޮނިހިރު ދުވަހު، ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކޮމެޑީ ފްރެންޗައިޒް ކަމަށްވާ "ގޯލްމާލް"ގެ ފަސްވަނަ ފިލްމު އިއުލާންކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ގޯލްމާލް 5" އިން ފެންނާނެ އެންމެ ބޮޑު ސަޕްރައިޒަކީ، އަޖޭ ދޭވްގަންއާ އެކު މި ފިލްމުގެ މައިގަނޑު ކާސްޓާ އަކްޝޭ ކުމާރު ގުޅުމެވެ. އަކްޝޭ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މިކަން ކަށަވަރުކޮށްދީ، ފިލްމު އިއުލާންކުރި ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯގައި ފެންނަނީ އަޖޭ ދޭވްގަން، އަރުޝަދު ވަރްސީ، ޝްރެޔަސް ތަލްޕަޅޭ، ކުނާލް ކޭމޫ އަދި ތުޝާރު ކަޕޫރު ގުޅިގެން، މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމުން ފެނުނު ޝަރްމަން ޖޯޝީ އަލުން އެނބުރި އައުން ފާހަގަކުރާ މަންޒަރެވެ.

ނަމަވެސް، އެ ވީޑިއޯގެ ފަހުބައިގައި ތަލަ ސިފައެއްގައި ކަޅު ކުރުތާއެއް ލައިގެން ހުރި އަކްޝޭ ފެނުމުން ފޭނުންނަށް ބޮޑު ހައިރާންކަމެއް ވަނީ ލިބިފަ އެވެ.

އަކްޝޭ ކުރި ޕޯސްޓުގައި ބުނީ ރޯހިތުގެ އުފަންދުވަހު މި "މޮޔަ" އާއިލާއާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ ކުރިން އަކްޝޭ އާއި އަޖޭ ވަނީ 2024 ވަނަ އަހަރު ގެނެސްދިން ރޯހިތުގެ "ސިންގަމް އެގެއިން"ގައި ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ.

މީގެ 10 އަހަރު ކުރިން 2006 ގައި ފެށި "ގޯލްމާލް" ފިލްމު ސީރީޒަކީ އޭގެ މަޖާ ޖޯކުތަކާއި ތަފާތު ކެރެކްޓާތަކުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތަކެކެވެ.

މީގެ ކުރިން މި ފިލްމު ސީރީޒްގެ ހަތަރު ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ "ގޯލްމާލް: ފަން އަންލިމިޓެޑް" (2006) އާއި "ގޯލްމާލް ރިޓާންސް" (2008) އާއި "ގޯލްމާލް 3" (2010) އަދި "ގޯލްމާލް އެގެއިން" (2017) އެވެ.